-8402fff9.png)

މަރްޔަމް މާޙީ

ގިނަ ބަޔަކު ދެކޭގޮތުގައި ކާމިޔާބު ހާސިލުކުރެވޭނީ ހުނަރު ހުރި، އެ ކަމެއް ހާސިލްކުރުމަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށެވެ. ނަމަވެސް، ސިއްހީ މާހިރުންނާއި އުފެއްދުންތެރިކަމާ ބެހޭ ދިރާސާކުރާ މީހުން މިހާރު ކާމިޔާބީ ގުޅުވަނީ މާ ފަސޭހަ ކަމަކާއެވެ: އެއީ ނިދުމުގެ އާދަތަކަށެވެ. ދިރާސާތަކުންނާއި މަސައްކަތުގެ ތެރެއިން ކުރެވޭ ތަޖުރިބާތަކުން ދައްކާ ގޮތުގައި، އަވަހަށް ނިދުމާއި އަވަހަށް ހޭލުމަކީ އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ދާއިރާގައި ކާމިޔާބު ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
މީހުންގެ ނިދުމުގެ އާދަތަކާއި ނިދުމާއި އިންސާނާއާ ހުރި ގުޅުން ދިރާސާ ކުރާ މާހިރުން ބުނާ ގޮތުގައި، ކަނޑައެޅިގެން އެއް ގަޑިއަކަށް ނިދާ މީހެއްގެ ހަށިގަނޑުގެ އެތެރޭގެ ގަޑި (biological clock) ރަނގަޅުކޮށްދޭނެ އެވެ. މިއީ ސިކުނޑީގެ މަސައްކަތްކުރުމުގެ ގާބިލިއްޔަތާއި, ނަފްސާނީ ހަމަޖެހުމުގެ އިތުރުން, އިންސާނާގެ އާންމުކޮށް ކަންކަން ކުރުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ. އަވަހަށް ނިދާ އާދަތައް ދެމެހެއްޓޭ ފަރާތްތަކަށް ސަމާލުކަން ދިނުމުގެ ގާބިލިއްޔަތު އިތުރުވެ، ނިންމުންތައް ނިންމުމުގެ ހުނަރު ރަނގަޅުވެ، ސްޓްރެސް މެނޭޖްކުރުމަށް ފަސޭހަވާކަމަށް ރިޕޯޓު ތަކުގައި ކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.
ދިރާސާތަކުން އިތުރަށް ދައްކާ ގޮތުގައި، ހެނދުނު އަވަހަށް ހޭލާ މީހުން މުހިންމު ރަނގަޅު އާދަތަކަށް އަހުލުވެރިވާ މިންވަރު އިތުރެވެ. މިސާލަކަށް، ގަވައިދުން ކަސްރަތުކޮށް, ފަރުވާތެރިކަމާއެކު ދުވަހުގެ މަސައްކަތްތައް ރާވައި, އަމާޒުތައް ކަނޑައެޅުން ފަދަ ކަންކަން މިފަދަ މީހުންގެ ކިބައިން ފެނިގެންދެއެވެ. މިފަދަ އާދަތަކަކީ އަމިއްލަ ނަފްސުގެ ކުރިއެރުމާއި, މަސައްކަތުގެ މާލައުލުގައި އަދި އެމީހެއްގެ އަމިއްލަ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭ ނުވަތަ ބާރުދޭ ކަމެކެވެ.
ލީޑާޝިޕް ކޯޗުން ފާހަގަކުރާ ގޮތުގައި، ނިދުމުގެ އާދަތައް އެއް ގޮތެއްގައި ހިފަހައްޓާ މީހެއްގެ އަހްލާގު ރަނގަޅު ރަނގަޅުވާނެއެވެ. އެއީ އެއް އާދައެއް ދެމެހެއްޓޭނީ އެ ކަމަކަށް ކަމޭހިތައި, ރަނގަޅު އަހްލާގު ހުރެގެންކަމުގައިވާތީއެވެ.
"ދުވަސް ފެށުނީއްސުރެ ވަގުތު ރަނގަޅަށް ބޭނުންކުރާ މީހުންނަށް ޑެޑްލައިންތަަކަށް މަސައްކަތްތައް ނިންމުމަށާއި, އެއް ހަމައެއްގައި މަސައްކަތުގެ ފެންވަރު ދަމަހައްޓަން މާ ބޮޑަށް ފަސޭހަވާނެ," ލީޑާޝިޕްގެ މާހިރުން ބުނެއެވެ.
ބައެއް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ދަންވަރު މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ސިއްހީ މާހިރުން ބުނާގޮތުގައި، ގިނަ ދުވަހު ރޭގަނޑުގެ ނިދި ނުލިބި ހުރުމުގެ ސަބަބުން ވަރުބަލިވުމާއި، މަސައްކަތުގެ ކެޕޭސިޓީ ދަށްވުމާއި، ދިގު މުއްދަތަށް ސިއްހީ އެކި އެކި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެބޭފުޅުން ލަފާދެނީ، ނިދުމަކީ މަސައްކަތުގެ ކުރިއެރުމަށް ހުރަހެއް ކަމުގައި ދެކުމުގެ ބަދަލުގައި، ކާމިޔާބީގެ އަސާސީ އެއް ބަހާއެއްގެ ގޮތުގައި އެކަން ދެކި, ރޭގަނޑުގެ ނިންޖަށް އިސްކަންދިނުމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި, ދިރިއުޅުމާއި, މަސައްކަތާ ދެމެދުގައި ހަމަހަމަކަން ބެހެއްޓުމަށް ގިނަ ދިރާސާތަކެއްކޮށް, ގިނަ ހޯދުންތަކެއް ހޯދަމުން އަންނައިރު, ކަމުގެ މާހިރުން ދެކޭގޮތުގައި ކާމިޔާބީގެ މާނަ ދުވަހަކުން ދުވަހަކަށް އަންނަނީ ބަދަލުވަމުންނެވެ. އެބޭފުޅުން ހާމަކުރާގޮތުގައި އަމިއްލަ ހަޔާތާއި މަސައްކަތުގެ ދާއިރާއިން ކާމިޔާބީ ހޯދުމަށް, ނުވަތަ ކާމިޔާބު މިހަކަށްވުމަށް ޓަކައި އަވަހަށް ނިދައި، އަވަހަށް ހޭލުމަކީ މީހަކަށް އެޅިދާނެ ފަސޭހަ އެއް ފިޔަވަޅެވެ. ނަމަވެސް އެހާމެ މުހިންމު ފިޔަވަޅެއް ވެސް މެއެވެ.