-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ނޫސްވެރިންތަކެއް، ނޫސް ބައްދަލުވުމެއްގައި
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް، ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ ކަންކަން ރަސްމީކޮށް އެމްއެމްބީސީއާ ވަނީ ހަވާލުކޮށްފައިވެއެވެ.
ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު އަޙްމަދެވެ. އަދި އެމްއެމްބީސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މި އެއްބަސްވުމަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާ ގުޅިގެން، އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މި އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަމުގެ އެންމެހާ ކަންކަން އެމްއެމްބީސީއާ ރަސްމީކޮށް ހަވާލުކުރުން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެކުރިން މީޑިއާތަކަށް އެހީ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާ މެދު ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވާތީ، މި ބަދަލަކީ އެކަންކަން އިތުރަށް އިންސާފުވެރިކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ވުޒާރާއިން ބުންޏެވެ.
އެ އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ޔޫތު މިނިސްޓްރީއާ ހިއްސާކުރާނެއެވެ. އެއަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ޔޫތު މިނިސްޓްރީން މީޑިއާ ބަޖެޓް ލިބޭ މީޑިއާތަކުގެ ލިސްޓެއް އެކުލަވާލި ނަމަވެސް، އެ ލިސްޓު އެކުލަވާލި ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން އެ ފަހަރު އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއެވެ.

2 މަސް ކުރިން
4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން