-8402fff9.png)

ފާޠިމަތު ހިބާ

ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު--ފޮޓޯ/ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ސަރުކާރުގެ އިދާރާތަކުގައި ލިޔެކިޔުން ބެލެހެއްޓުމަށް ބޭނުންކުރާ ގަވަމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ގެ ދެވަނަ ވާޝަން މިއަހަރުގެ މާޗު މަހު ބޭނުންކުރަން ފެށޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
މިނިސްޓާ މިހެން ވިދާޅުވީ މޯލްޑިވްސް 2.0 އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓާ ފާހަގަކުރެއްވި ގޮތުގައި މި އައު ވާޝަންއާއިއެކު ޕޭޕާލެސް ސިސްޓަމްއެއް ގާއިމްކުރެވިގެންދާނެއެވެ. އެގޮތުން ކަރުދާސް ބޭނުންކުރަން ނުޖެހޭނެކަމަށާއި ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް މިނިސްޓާގެ ވާހަކަފުޅުގަ ފާހަގަކުރައްވާފައެވެ.
ހަމަ މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގަވަމެންޓް ޑިޖިޓަލް ސާވިސްގެ ޕްރޮޖެކްޓް މެނޭޖަރ ޝަޒްރާ މުޙައްމަދު ސައީދު ވިދާޅުވީ ޖެމްސް ގާއިމްކުރެވިގެންދިޔައީ 2012ވަނަ އަހަރުގައި ކަމަށާއި ޖެމްސްގެ ދެވަނަ ވާޝަންގެ މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ.
މި އައު ނިޒާމަށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ޝަޒްރާ ވިދާޅުވީ މިހާތަނާށް 960 އެއްހައި އިދާރާގައި މި ނިޒާމަށް އަހުލުވެރިކުރުމުގެ ތަމްރީން ދީފައިވާ ކަމަށެވެ.
އަމާޒަކީ މީގެ ކުރިން ބޭނުން ކުރަމުން އައި ހުރިހާ އެޕްލިކޭޝަންތައް ދޫކޮށް އައު އެޕްލިކޭޝަންތަކަށް ބަދަލުވުންކަން ޝަޒްރާ ވަނީ ފާހަގަކުރައްވާފައެވެ.