-8402fff9.png)
ސައިފުﷲ އަލީ
-79ed3c15.jpg)
އިރުމަތީ ޕެސިފިކް ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން އުފެދޭ 'އެލްނީނޯ' މޫސުމީ ހާލަތުގެ ބާރު ފާއިތުވި ސެޕްޓެމްބަރު މަހު އިތުރަށް ގަދަވެ ރާއްޖޭގެ ކަނޑުގެ ލޮނުގަނޑާއި ވައިގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ހާމަކޮށްފިއެވެ.
މި މޫސުމީ ހާލަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ހޫނުގަދަވުމާއި ހަނަފަސްކަން ފަދަ ގުދުރަތީ ކާރިސާތަކަށް މަގުފަހިކުރުވާ ކަމެކެވެ. މިއީ ސީދާ މޫސުމީ ބަދަލުތަކުގެ ސަބަބުން އެކަނި ކުރިމަތިވާ ކަމެއް ނޫން ނަމަވެސް، ކަނޑުތަކުގެ ހޫނުމިން މަތިވަމުން ދިޔުމަކީ މީގެ ގެއްލުންތައް އިތުރަށް ނުރައްކާވާ މައިގަނޑު ސަބަބު ކަމަށް މޫސުމީ މާހިރުން ފާހަގަކުރައްވައެވެ.
މެޓް އޮފީހުން އެންމެ ފަހުން ނެރުނު ކްލައިމެޓް އަޕްޑޭޓުގައިވާ ގޮތުން، އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ ފަރުތައް ހުދުވެ މަރުވުމާއި، މަސްވެރިކަމަށް ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ދަނީ ހޫނުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ބައެއް ސަރަހައްދުތަކުގައި ކަނޑުގެ ހޫނުމިން އާންމު މިންވަރަށް ވުރެ 1.0 އާއި 2.0 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފައެވެ.
އަހަރުގެ މިހާތަނަށް ވައިގެ ހޫނުމިން އެންމެ ބޮޑަށް މައްޗަށް ދިޔައީ ޖުލައި މަހު ހދ. ހަނިމާދޫގައެވެ. އެއީ އާންމު މިންގަނޑަށް ވުރެ 2.0 ޑިގްރީ ސެލްސިއަސްގެ މަތިވުމެކެވެ. މީގެ އިތުރުން ޖުލައިން ސެޕްޓެމްބަރަށް މާލެ ސަރަހައްދުގެ ހޫނުމިން ވެސް ހުރީ އާދައިގެ މިންވަރަށް ވުރެ 1.0 ޑިގްރީ ސެލްސިއަސް މަތީގައެވެ.
މި މޫސުމީ ބަދަލުތަކާއެކު ވާރޭވެހޭ މިންވަރަށް ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ތަފާތުތަކެއް އައިސްފައެވެ. އެގޮތުން މެއި މަހު ހަނިމާދޫއަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ 243 މިލިމީޓަރު އިތުރަށް ވާރޭ ވެހިފައިވާއިރު، ސެޕްޓެމްބަރު މަހު އައްޑޫ ސިޓީއަށް ވަނީ 287 މިލިމީޓަރު އިތުރަށް ވާރޭ ވެހިފައެވެ.
ނަމަވެސް އަހަރުގެ ކުރީކޮޅު ބައެއް ހިސާބުތަކަށް ވާރޭ ވެހުނު މިންވަރު ވަރަށް ބޮޑަށް މަދުވިއެވެ. އޭގެ ތެރޭގައި ޖެނުއަރީ މަހު ގދ. ކާޑެއްދުއަށް 155 މިލިމީޓަރު މަދުން އަދި ޖުލައި މަހު ހަނިމާދޫއަށް 173 މިލިމީޓަރު މަދުން ވާރޭ ވެހުނުކަން ވަނީ ރެކޯޑު ކުރެވިފައެވެ.
މި ހާލަތާ ގުޅިގެން ރައްޔިތުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ 'ހީޓް ސްޓްރެސް' އިން ރައްކާތެރިވުމަށް ކުޑަކުދިންނާއި ބަލިމީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
އަދި ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތްއިރު، އަނެއްބައި ހިސާބުތަކަށް ވާރޭ ނުވެހި ހަނަފަސްވުމުގެ ފުރުސަތު އޮތުމާއެކު، ކަނޑުގެ ފަރުތަކުގެ ހާލަތު ގަވާއިދުން މޮނީޓާކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.
-52413e17.jpg)
4 މަސް ކުރިން
-5fdc8bb0.jpg)
5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން