-8402fff9.png)
އައިޝަތު ހިދާޔާ

އުމުރުން 14 އަހަރުގެ ޔަލްވީ ހުސައިން ޒުހުރީ އަނެއްކާ ވެސް ސީނިއާ ގައުމީ ބެޑްމިންޓަން ޓީމުން ޖާގަ ހޯދައިފިއެވެ.
ގައުމީ ޓީމުގެ ސިލެކްޝަން މެޗުތައް ކުޅުނީ މިމަހުގެ 13އިން 16އަށް މާލޭގެ ކުޅިވަރު އެކުވެނީގައެވެ. އޭނާ ގައުމީ ޓިމުން ޖާގަ ހޯދީ މި ސިލެކްޝަން މެޗުތަކުން އެންމެ މަތިން ޕޮއިންޓު ހޯދައިގެންނެވެ. ޔަލްވީ ގައުމީ ޓީމަށް ފުރަތަމަ ހޮވުނީ މިދިޔަ އަހަރުގެ ސިލެކްޝަން މެޗުތަކުގައި ވާދަކޮށްގެންނެވެ.
ގައުމީ ބެޑްމިންޓަން ޓީމުގައި ތިބެނީ 12 ކުޅުންތެރިންނެވެ. އެއީ އަންހެން ހަ ކުޅުންތެރިންނާއި ފިރިހެން ހަ ކުޅުންތެރިންނެވެ. ރާއްޖޭގެ ރޭންކުން އެންމެ މަތީ އަންހެން އަދި ފިރިހެން ދެ ކުޅުންތެރިންނަށް ސިލެކްޝަން މެޗަކާ ނުލައި ގައުމީ ޓީމުން ޖާގަ ލިބެއެވެ.
ސިލެކްޝަން މެޗުތަކުގައި ވެސް ޔަލްވީ ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފައެވެ. ސިލެކްޝަންގައި މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ވަރުގަދަ މެޗުތަކެއް ކުޅެންޖެހުމުން, ކޮންމެވެން ވަރަކަށް ޖެހިލުންވި ކަމަށް ޔަލްވީ ބުންޏެވެ.
އޭނާ ބެޑްމިންޓަން ކުޅެންފެށީ އުމުރުން އެންމެ އަށް އަހަރުގައެވެ. މައިންބަފައިންނަށް އޭނާގެ ހުނަރު ފާހަގަވުމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގައި ބައިވެރިކޮށް ޔަލްވީއަށް ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ދޭންފެށިއެވެ.
އޭނާ ކޮންމެ އަހަރަކު ވެސް ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ރަން ވަނަތައް ހޯދައެވެ. އޭގެތެރޭގައި, މިއަހަރު ބޭއްވި 50ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަން ކަމާއި, މިކްސް ޑަބަލްސް ޗެމްޕިއަންކަން އަދި 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން ކަން އޭނާ ހޯދާފައި ވެއެވެ.
މީގެއިތުރުން, ހަމަ މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޓީމް އިވެންޓް ރަނަރަޕްކަން ޔަލްވީ ވަނީ ހޯދާފައެވެ. މިއީ އޭނާގެ ކާމިޔާބީގެ ލިސްޓުގެ ކުޑަ މިންވަރެކެވެ.
"އަބަދު ވެސް ވަރަށް ޝައުގުވެރިކަން ހުރޭ, ޔަލްވީ އަމިއްލައަށް ކުޅެން ބޭނުންވާތީ ބެށްމިންޓަން ކުޅެނީ" ޔަލްވީގެ ބައްޕަ ހުސައިން ޒުހުރީ ބުންޏެވެ.
ޒުހުރީ ބުނީ ޔަލްވީ ބެޑްމިންޓަން ކުޅުނު ނަމަވެސް, ސްކޫލުގެ މަސައްކަތްތައް ވެސް ގަވާއިދުން ކުރާކަމަށެވެ. އޭނާއަކީ ގިޔާސުއްދީން ސްކޫލުގެ ސްޓޫޑަންޓް ކައުންސިލްގެ ފަހަލަ އެސޯސިއޭޝަން ލީޑަރެވެ.
ޔަލްވީ ބުނީ އޭނާ މުސްތަގުބަލުގައި ވެސް ބެޑްމިންޓަން ކުޅެން ބޭނުންވާކަމަށެވެ. އެންމެ ބޮޑު ހުވަފެނަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށްވެ, ރާއްޖެ ތަމްސީލުކުރުން ކަމަށް އޭނާ ބުންޏެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭން ބޭނުންވާކަމަށް ޔަލްވީ ބުންޏެވެ.