-8402fff9.png)

އާމިނަތު ޒާނާ ޝައުކަތު ސައީދު

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި އިންޝާ އަހުމަދިއްޔާ ސްކޫލް ތަމްސީލު ކުރަނީ —-
ލޮނުޒިޔާރާތް ޕާކުގެ ބެންޗެއްގައި އިނދެ އަހަރެމެންނަށް އައިޝަތު އިންޝާ އިމްރާން އޭނާގެ ތައުލީމީ ހަޔާތް ފިލިންފިއްޔަށް ކިޔައިދިނެވެ. އެ ބަގީޗާގެ ހިތްގައިމުކަމާއެކު އިންޝާގެ މި ވާހަކައަށް އިތުރު ޝައުގުވެރިކަމެއް އުފެއްދީ އޭނާގެ ދިވެހި ބަސްމޮށުންތެރިކަމުގެ ފުރިހަމަކަމެވެ. ތެދުތެދަށް ބުނަންޏާ، އޭނާ ހަމަ ވާހަކަ ދެއްކީ މައް ދިވެހިންނެވެ.
އިންޝާ ނިސްބަތް ވަނީ ދެ ރަށަކަށެވެ. މަންމަ ނ. ވެލިދުއެވެ. ބައްޕަ ފުވައްމުލަކެވެ. -- އެކަމަކު، އޭނާ އުޅެ ބޮޑުވި މާހައުލަކީ މާލޭގެ މި ކޮންކްރީޓް ޖަންގައްޔެވެ.
ރަށްފުށު ކުދީން ކިޔައިދޭހާ ސަކަރާތުގެ ވާހަކަތަކެއް އިންޝާގެ ޅަފަތުގެ ހަނދާންތަކުގެ ތެރެއަކު ނެތެެވެ. އެކަމަކު، އޭނާއަށް ހާއްސަވީ މަންމަގެ އަތުގައި ހިފައިގެން ގުރުއާން ކިޔަވަން ދާ ހަނދާނެވެ. އޭނާ ކިޔަވަން ދިޔައީ ވޮށުފިލާ އަޅައިގެން ކިޔަވައިދޭ މުދައްރިސެއްގެ ގާތަށެވެ.
އިންޝާގެ ޕްރީސްކޫލް ހަޔާތުގެ ހިޔަލަކީ ގަލޮޅު މަދަރުސާއެވެ. އޭރު އޭނާގެ ލޯބި ހުރީ ދިވެހިބަހަކަށް ނޫނެެވެ. އޭރު އޭނާ އެންމެ ކިޔަވާ ހިތްވީ އިނގިރޭސިއެވެ. އޭރު އޭނާގެ އުންމީދުތައް އެތައް ކަމަކާ ގުޅިފައިވިއެވެ.
އެކި ފަހަރު ހިތަށް އަރަނީ އެކި އެއްޗިއްސެވެ. ޑޮކްޓަރަކަށް ވާން ހިތަށް އަރައިފައި ދެވަނަ ސިކުންތުގައި ޕައިލެޓަކަށް ވާން ވެސް ހިޔާލު ބަދަލުވެދާނެއެވެ.
މިނިވަން މާހައުލެއްގައި، ސަކަރާތްޖަހާ އުޅެ ކުދިކުދި ކަރުދާސްތައް ހޮވި ޒަމާން ވެސް ފާއިތުވެ ގޮސް ޕްރައިމަރީ ގްރޭޑުތައް ކިޔަވަން އިންޝާ ފެށީ މަޖީދިއްޔާ ސްކޫލުންނެވެ. އެ ދުވަސްވަރު އޭނާގެ ޝައުގުވެރިކަން ބަދަލުވެ، ދިވެހި ބަހާ ގުޅި ލާމެހެން ފެށިއެވެ.
"ދިވެއްސަށް ލޯބި ޖެހުނީ ވާހަކަދެއްކުމުގެ މުބާރާތްތެރެއިން ދަށު ސާނަވީ އިން ފައްޓައިގެން އަޅުގަނޑު ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވާން ފަށައިފިން. އޭގެ އިތުރުން މަޖީދިއްޔާ ސްކޫލޫގައި އޭރު ބޭއްވި އަދަބީ ހަރަކާތްތަކުގައި ވެސް އަޅުގަނޑު ބައިވެރިވިން" އިންޝާ ކިޔައިދިނެވެ.
އަދަބީ ހަރަކާތްތައް އެކަންޏެއް ނޫނެވެ. އިންޝާއަކީ ކިޔެވުމުގެ އިތުރުން، ސްކޫލްގައި އޮންނަ ހުރިހާ އިތުރު ހަރަކާތެއްގައި ވެސް ބައިވެރިވާ ދަރިވަރެކެވެ. އަދި އޭނާ ބައިވެރިވި މުބާރާތްތަކުން ރަންވަނަތައް ވެސް ވަނީ ހާސިލުކޮށްފައެވެ.
މިހާރު ގުރޭޑު 10ގައި އަހްމަދިއްޔާގައި އިންޝާ ތައުލީމު ހާސިލުކުރަމުންދާއިރު، މިދިޔަ އަހަރު އެ ސްކޫލުން ވާހަކަދެއްކުމުގެ މުބާރާތުގެ އެއްވަނަ ހޯދި އިރު އިންޝާއަކީ އެ ޓީމުގެ މުހިންމު ބައިވެރިއެކެެވެ. އެ ނޫނަސް، އަދަބީ މުބާރާތްތަކުގައި އިންޝާއަކީ ރަންތަރިއެކެވެ. ބަހުސްކުރުމުގައި ވެސް އޭނާގެ ނަން ހޮވާލެވެއެވެ.
ލޮނުޒިޔާރަތް ޕާކަށް ދީފައި އޮތް އަވި ނިވައިލައި ކޮންމެވެސް ވަރަކަށް ހިޔާޖެހެން ދިޔައިރު، އިންޝާގެ ވާހަކައިގެ އެންމެ މުހިންމު ބައިތައް އޭނާ ކިޔައިދޭން ފެށިއެވެ. އެއީ އެންމެ ބުރަ މަސައްކަތުން އޭނާ ހޯދި އުފާވެރި ހަނދާންތަކެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކެޕްޓަންކަމުގެ މަގާމު އިންޝާ ހޯދީ އޭނާގެ ލީޑަޝިޕް އެކި ކަންކަމުގައި ދައްކައިގެންނެވެ. ކިޔެވުމަށް ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. އެހެން ދަރިވަރުންނާ ގުޅިގެން މަސައްކަތް ކޮށްގެންނެވެ. ސްކޫލާ ބެހޭގޮތުން އޭނާއަށް ބޮޑަށް ދަސްވީ ވެސް ކެޕްޓަންކަމުގެ މަގާމުގެ ސޭޝް އަޅައިލި ފަހުންނެވެ.
"އަހުމަދިއްޔާ ސްކޫލަކީ ވަރަށް ރަނގަޅު ސްކޫލެއް. އަޅުގަނޑު ވަރަށް އުފާވޭ އަހުމަދިއްޔާ ސްކޫލްގެ ދަރިވަރަކަށް ވާތީ.އަހުމަދިއްޔާ ސްކޫލަކީ ކުދިންނަށް ވަރަށް ސަޕޯޓުކުރާ ސްކޫލެއް،" އިންޝާ ބުންޏެވެ.
މިހާރު އިންޝާގެ މުޅި ފޯކަސް ހުއްޓިފައި އޮތީ އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށެވެ. އެކަމަކު، އިންޝާ މާ ބޮޑަކަށް ހާހެއް ނުވެއެވެ. އޯލެވެލް އަތްޖެހޭހާ ކައިރީގައި އޮތަސް، އޭނާ މަސައްކަތްކުރަނީ ޝެޑިއުލަކަށް ބަހައިލައިގެންނެވެ. ޕްލޭނެއް ހަދައިގެން މަސައްކަތްކުރުމުން ކިޔެވުމުގެ ކަންކަމުގައި މާ ފަސޭހަވާކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.
"އޯލެވެލްއަށް ތައްޔާރުވުމުގަ، މިހާރު މީ ރޯދަމަސް ކަމަށްވުމުން ކިޔެވުމަށް ވަރަށް ބޮޑަށް ގަޑި ދޭންޖެހޭ އެހެންކަމުން އަޅުގަނޑު ބަލަނީ ވީހާވެސް ބެލެންސްކޮއްގެން ހުރިހާ ކަމެއްވޭތޯ،" އިންޝާ ކިޔައިދިނެވެ.
ފުރާވަރަށް އަރައި އޯލެވެލްއަށް މިހާރު ކިޔަވަމުންދާއިރު، އިންޝާގެ ކުޑައިރުގެ ވިސްނުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މެޑިސިން ކިޔަވައިގެން ޑރ. އިންޝާއަށް ވާކަށް، ނޫނީ ޕައިލެޓްކަން ކިޔަވައިގެން ކެޕްޓަން އިންޝާއަށް ވާކަށް އޭނާ މިހާރު ބޭނުމެއް ނޫނެވެ.
އިންޝާގެ އުންމީދުތަކާއި ހުވަފެންތައް މިހާރު ގުޅިފައި އޮތީ އެހެން ކަމަކާއެވެެ. އެއީ ސައިންސްގެ ރިސާޗްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް އެ ދާއިރާއިން ގައުމަށް ވެސް ޚިދުމަތްކުރުމެވެ.
އިންޝާގެ ތައުލީމީ ހަޔާތުގެ މިހާތަނަށް ވެސް އެންމެ ގާތުގައި ވީ މަންމައާއި ބައްޕައެވެ. އާއިލާގެ މެންބަރުންނެވެ. އޭނާ ކިޔެވި ސްކޫލްތަކުގެ މުދައްރިސުންނާއި މެނޭޖްމަންޓެވެ.
އޭނާގެ މަންމައާއި ބައްޕަ އޭނާއަށް ހިތްވަރުދޭން އަބަދުވެސް ގާތުގައި ވާނެކަން އިންޝާ ޔަގީންކުރެއެވެ. އެ ދެ މީހުންގެ ހިތްވަރާ ނުލައި، ކާމިޔާބު ހޯދޭނެކަމަށް އޭނާ ގަބޫލެއް ވެސް ނުކުރެއެވެ.
"އަޅުގަނޑަށް އިނގޭ އަޅުގަނޑު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައިވެސް އަޅުގަނޑުގެ މަންމަ އާއި ބައްޕަ ހުންނާނެކަން .އަޅުގަނޑުގެ އާއިލާގެ އެންމެނަކީވެސް އަޅުގަނޑު ކުރާ ކޮންމެކަމެއްގަ އަޅުގަނޑުގެ ފަހަތުގަ ތިބޭ ބައެއް،" ދުރުގައި ބެންޗެއްގައި އިން އޭނާގެ މަންމައާ ދިމާއަށް ބަލައިލައި އެހެން ބުނެލަމުން އިންޝާ ކުރުކޮށްލިއެވެ.
ގާތްގަނޑަކަށް 2 މަސް ކުރިން
-a99c43c3.jpg)
4 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން