-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ނުކުތާގެ ބޯޑު މެންބަރުން --
މީގެ އެއް އަހަރު ކުރިން މި ވަގުތު ނުކުތާގެ ޓީމު ތިބީ އަހަރެންގެ އެޕާޓްމަންޓް ތެރޭގައެވެ. އެއް ބަޔަކު އަހަރެންގެ ކޮޓަރި ތެރޭގައި މަސައްކަތް ކުރަަން ތިބިއިރު, އަނެއް ބަޔަކު ތިބީ ސިޓިން ރޫމުގައެވެ. ނުކުތާގެ ފުރަތަމަ އާޓިކަލް އަހަރެމެން ޝާއިއުކުރަން ބޭނުންވީ ފަތިހު 4:15 ގައެވެ. ރާއްޖެއަށް 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އުދުވާނީ ހަމަލާގައި ފުރަތަމަ ވަޒަން ގޮވި ވަގުތުގައެވެެ.
އޭގެ ފަހަތުގައި ގިނަ ވާހަކަތަކެއް އެބައޮތެވެ. އެކަމަކު, އެ ވާހަކަ ދޫކޮށްލީއެވެ.
އަހަންނަކީ ނޫސްވެރިކަމުގެ ތަފާތު ހިޔާލުތައް އަބަދުވެސް ގެންގުޅޭ މީހެކެވެ. އަހަރެންގެ އެ ހިޔާލުތަކާ އެއް ގޮތް, އަދި އެއަށްވުރެ ވެސް ތަފާތު ހިިޔާލުތައް ގެންގުޅޭ ދެ މިތުރަކާ އަހަންނަށް ނޫސްވެރިކަމުން ބައްދަލުވިއެވެ. އެއީ މިއަދު އަހަރެންގެ ބައިވެރިންގެ ގޮތުގައި ތިބި އިބްރާހިމް ޝަމްވީލާއި މުހައްމަދު ޔަމީނެވެ.
އަމިއްލަ ހިޔާލާއެކު, އަމިއްލަ ނޫހެއް ނުވަތަ މީޑިއާ އޭޖެންސީއެއް ހިންގުމުގެ ހިޔާލު އަހަރެން އިސްވެ ފުރަތަމަ ހިއްސާކުރީ ޝަމްވީލްގެ ގާތުގައެވެ. އެއީ އެއް ދުވަހެއްގައި ދެ މީހުން ކޮފީއެއްގައި ތިބެ ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. މީގެ އަހަރަކާއި ދެ މަސް ކުރިންނެވެ. އަބަދުވެސް އެކި ކަހަލަ ވިޔަފާރީގެ ހިޔާލުތައް އަހަރެމެން ކުރަމެވެ.
"އަބަދުވެސް އަހަރެމެން ވަރަށް މޮޅެތި ވާހަކަ ދައްކާނެ, އެކަމަކު އެއްވެސް ކަމެއް އަސްލު ނުވޭ ދޯ," އެ ދުވަހު ވެސް އަަހަރެމެން ދެ މީހުން ދެއްކި ވާހަކައަކީ މިއީއެވެ.
ގިނަ ފަހަރަށް ކުރެވޭ ސައްލާތަކުގެ ތެރެއިން ހިއްސާ ކުރެވޭ ހިޔާލުތައް ހިތުގައި ރައްކާކުރެވިފައި ހުންނަނީއެވެ. ދެން ފަހުން އެއަށް ހިރަފުސް އަރައި ބާވެ ހަލާކުވެގެން ވެސް ދަނީއެވެ. އެކަމަކު, މި ފަހަރު ތަފާތެވެ.
މި ހިޔާލު އެ ކޮފީ މޭޒަކުން ނުނިމުނެވެ. އެ ހިޔާލު ދެން އަހަރެމެން ދެ މީހުން ހިއްސާކުރީ ޔަމީންއާއެވެ. ޔަމީނަކީ އަހަރެމެންނާ އެއް ގޮތަށް ތަފާތު އެކި ހިޔާލުތައް ގެންގުޅޭ ވަރަށް އިންޓެލިޖެންޓް ނޫސްވެރިއެކެވެ.
ކޮންމެއަކަސް, މި ސައްލާތަކުގެ ތެރެއިން އަހަރެމެން ނިންމީ މި ހިނގާ 2024 ވަަނަަ އަހަރުގެ ޖަނަވަރީ މަހު ނުކުތާ ފަށާށެވެ. އެކަމަކު, އޭރު އެއީ ނުކުތާއެއް ވެސް ނޫނެވެ. ނޫހަށް ކިޔާނެ ނަމެއް, ނޫސް ތަފާތު ކުރާނެ މާ ބޮޑު ޕްލޭނެއް ވެސް އަހަރެމެން އޭރަކު ނުގެންގުޅެމެވެ. އޮތީ ހަމަ ހިޔާލެކެވެ.
އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް, ރިޔާސީ އިންތިހާބު ނިމެންވެފައި ވަނިކޮށް އަހަރެމެން އޭރު މަސައްކަތް ކުރި ތަނުގެ ހިންގުމަށް ކުއްލި ބަދަލެއް އައެވެ. އެއީ އަހަރެމެން އެންމެންގެ ކެރިއަރަށް އައި ކުއްލި ލޮޅުމެއް ކަހަލައެވެ. ކުއްލިއަކަށް އައި އެ ބަދަލަކީ މިއަދު އަހަރެމެން ދެކޭ ގޮތުގައި އަހަރެމެންގެ ނަސީބެވެ.
އެ ކުއްލި ބަދަލުގެ ސަބަބުން ހަމަ ވަގުތުން އެ ތަން ދޫކޮށް ނުކުންނަން އަހަރެމެން ބޭނުންވިއެވެ. ނަތީޖާއަކަށްވީ, ކޮފީ މޭޒުން ފެށުނު މި ހިޔާލު ގަނޑަށް ތިރި ކުރަން މަޖުބޫރުވުމެވެ. ކުއްލި ބައްދަލުވުންތަކެއް ބޭއްވި, ޒަމާނީ ނޫސްވެރިކަމެއް ކުރާނެ ގޮތުގެ އެކި ޕްލޭންތައް އަހަރެމެން ހަދަން ފެށީމެވެ. އެކި ހިޔާލުތައް އެއްކޮށް, ދާއިރާގެ ތަޖުރިބާކާރުންނާ ވެސް މަޝްވަރާ ކުރީމެވެ.
އޭރު ނޮވެމްބަރު ތިނެއް އަންނަން މަހެއް ވެސް ނެތެވެ. އަހަރެމެންގެ ވެބްސައިޓް ބިނާކޮށް, ނޫސް ފަށަން ވާއިރަށް ވާން ޖެހޭ ތައްޔާރީތައް ވާން އޮތީ މަދު ދުވަސްކޮޅެކެވެ. އެކަމަކު, އޭރު އަހަރެމެން ތިބީ މާ ވަރުގަދަ އަޒުމެއްގައެވެ. މި ކަން ނުކޮށް ހުއްޓާލާކަށް, ނުވަތަ ފަހަތަށް ޖެހޭކަށް އެއްވެސް ގޮތަކަށް އަހަރެމެންގެ ހިޔާލަށް ވެސް އޭރު ނާދެއެވެ.
އަހަރެމެން އަތުގައި އޭރު ފައިސާއެއް ނެތެވެ. ތިން މީހުން އޭރު އުޅުނު ވަޒީފާ ދޫކޮށްލީ, ކުރިއަށް އޮތް މަސްތަކުގައި "ސަވައިވް" ވާނެ ގޮތެއް ހަގީގަތުގައި ނޭނގިއެވެ. އަތުގައި ހުރި ސޭވިންގްސް އަހަރެމެން ބޭނުން ކުރީ ނުކުތާއަށް އިންވެސްޓް ކުރާށެވެ.
ހަގީގަތަށް ބުނާނަމަ, ހިކިފަސް ތަނެއްގައި ތިބެފައި އަހަރެމެން ފުއްމާލީ މާސިންގާ ބިޔަ ކަނޑަކަށެވެ. އެކަމަކު, އެ ކަނޑުގެ ގަދަ އޮޔާއި ބިޔަ ރާޅުތަކާ ހަނގުރާމަ ކުރުމުގެ ހިތްވަރު އަހަރެމެންގެ ގައިގައި ހުއްޓެވެ. ހިތްވަރު އެލުވައިނުލުމުގެ އަޒުމު އަހަރެމެންގެ ހިތްތަކުގައި އޮތެވެ.
ނެތީ ފައިސާއާއި ނުފޫޒެވެ.އެއީ ރާއްޖޭގެ ގިނަ ނޫސްތައް ފެށުމުގެ އެންމެ ގާތް އެކުވެރިޔާއެވެ. ސިޔާސީ ނުފޫޒެއް ވެސް ފައިސާގެ ނުފޫޒެއް ވެސް ހަމަ ނެތީއެވެ. އެކަމަކު, އެހެން އެއްވެސް ބައެއްގެ އަތުގައި ނެތް އެއްޗެއް އަހަރެމެންގެ އަތުގައި އޮތެވެ.
އެއީ ޒުވާން ޖޯޝާއި ހިތްވަރެވެ. ޒަމާނީ ހިޔާލާއި ނޫސްވެރިކަމަށް ޒަމާނީ އިންގިލާބެއް ގެނެވޭނޭ ޕްލޭނެކެވެ.
އަހަރެމެން ފުއްމާލި ބިޔަ ކަނޑުގެ ތެރޭގައި އޮޔާއި ވަޔަށް ބެހެން ދަނިކޮށް, އަހަރެމެންގެ އަތުގައި ހިފީ ނުކުތާގެ ޗެއާމަން, ޝަރުވަތު އަބްދުލްޣަނީއެވެ. އޭނާއަކީ ނުކުތާ ކޮޅަށް ޖެހުމުގެ މައި އެއް ތަނބެވެ. މިއަދާ ޖެހެންދެން ވެސް, އަހަރެމެން ވެއްޓޭ ކޮންމެ ދަނޑިވަޅެއްގައި އަހަރެމެން ނަގައިދެއެވެ. އަހަރެމެންނަށް އަބަދުވެސް ހިތްވަރުދީ ނަސޭހަތް ދެއެވެ. ދުވަހުން ދުވަހަށް ހިނގާ ކަންކަމުގައި ބައިވެރި ނުވެވުނަސް, އަހަރެމެންގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި ޝަރުވަތުގެ ބައިވެރިވުން އޮންނާނެއެވެ. މިއަދު އަހަރެމެން ހިންދެމިލައިގެން މި ތިބީ އޭނާގެ ބޮޑު ދައުރެއްގެ ސަބަބުންނެވެ.
މިއީ އަމިއްލައަށް ސަޅިކެނޑުންކަމަށް ވެސް ބައެއް މީހުން ސިފަކޮށްފާނެއެެވެ. އެކަމަކު, ބަޔަކު މީހުން އަހަރެމެންގެ ގާތުގައި ބުންޏެވެ. ތިހެން އެތައް ނޫހެއް ހަދައިފިއެވެ. ތިން މަސް ދުވަހު ހިންގައިފައި ދެން ޖެހޭނީ ހުއްޓާލާށެވެ.
މިއަދު އަހަރެމެން މި ފާހަގަކުރަނީ ނުކުތާއަށް އަހަރެއް ފުރުމުގެ މުނާސަބަތެވެ. މިއަދު އުފަލާއެކު ފާހަގަކުރެވޭނެ އެތައް ނުކުތާއެއް އެބައޮތެވެ. އޭގެ ތެރެއިން ބައެއް ނުކުތާތައް ފާހަގަކޮށްލެވޭތޯ ބަލާނަމެވެ.
ރާއްޖޭގައި ކުއްލި ޚަބަރުތައް އެންމެ ޝައުގުވެރި ގޮތެއްގައި, ހާއްސަކޮށް ޒުވާނުންނާ ރައްޓެހި ގޮތެއްގައި ވީޑިއޯގެ ޒަރީއާއިން ގެނެސްދޭން ފެށީ ނުކުތާއިންނެވެ. ކޮންމެ ދުވަހެއްގެ ޚަބަރުތައް, ވީޑިއޯގެ ޒަރީއާއިން ޒުވާނުންނާ ރައްޓެހި ގޮތެއްގައި ގެނެސްދޭން ފެށީ ނުކުތާއިންނެވެ. ރާއްޖޭގައި ހިނގާ ބޮޑެތި ކަންކަމުގެ "މުހިންމު ނުކުތާތައް" އެކްސްޕްލެއިނާ ވީޑިއޯތަކުގެ ގޮތުގައި ގެނެސްދޭން ފެށީ ނުކުތާއިންނެވެ. ދިގުވެގެން ގޮސް ފޫހިވާ އިންޓަވިއުތައް ކުރުކޮށްލީ ނުކުތާއިންނެވެ. އެއްވެސް މަޖަލެއް ކުރުމެެއް ނެތް, ރާއްޖޭގެ މީޑީއާގައި "ހިއުމާއެއް" އުފެއްދީ ނުކުތާއިންނެވެ. ބެލުންތެރިން ބަލާ ހިތްކުރުވާފަދަ ހުށަހަޅައިދިނުމުގެ ސްޓައިލެއް އުފެއްދީ ވެސް ހަމަ ނުކުތާއިންނެވެ.
އޭގެ ނަތީޖާ ވަރަށް ސާފެވެ. ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން މިއަދު އެންމެ މަގުބޫލު ވީޑީއޯތަކަކީ ނުކުތާގެ ވީޑިއޯތަކެވެ. الله އަށް ހަމްދު ހުއްޓެވެ. އެންމެ ގިނަ ބަޔަކު ބަލާ ވީޑިއޯތަކަކީ ވެސް ނުކުތާގެ ވީޑިއޯތަކެވެ. ގިނަ ބަޔަކަށް ނުކުތާގެ މި ސްޓައިލް މާ ބޮޑަށް ވެސް ކަމުގޮސްފިއެވެ.
މިއަދު ނުކުތާއަށް މި ވީ އަހަރެކެވެ. އަހަރެއްވުމުގެ ކުރިން, ނުކުތާގެ ސީއޯއޯ ޔަމީން ވަނީ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދައިފައެވެ. އެންމެ ހަގު އުމުރެއްގައި އެވޯޑް ލިބުނު ނޫސްތަކުގެ ތެރޭގައި ނުކުތާގެ ނަން ވަނީ ފެވިފައެވެ.
މުހިންމު ނުކުތާއެއް އަދި އެބައޮތެވެ. ނުކުތާގެ ޓީމަކީ ވަރަށް ޒުވާން ޓީމެކެވެ. މިއީ އާއްމުކޮށް މީހުން ބުނާހެން ބުނެލާ ބުނެލުމެއް ނޫނެވެ. މިއަދު ވެސް ނުކުތާގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ހުރިހާ މުވައްޒަފުންނަކީ ވެސް 100% 25 އަހަރުން ދަށުގެ މުވައްޒަފުންނެވެ. ޒުވާން ހިޔާލުތަކުން ޖަރީވެފައި ތިބި ނޫސްވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންތަކެކެވެ.
ނުކުތާގެ މި ދަތުުރުގައި ކަނޑުގެ ބިޔަ ރާޅުތަކާ ހަނގުރާމަ ކުރަން އެންމެ ބޮޑު ހިތްވަރެއް ދިނީ, ނުކުތާގެ ކިޔުންތެރިންނާއި ބެލުންތެރިންނެވެ. ނުކުތާއަށް މި ވީ އެއް އަހަރު ދުވަހުގެ ތެރޭގައި ނުކުތާގެ އެންމެހާ ކިޔުންތެރިންނާއި ބެލުންތެރިން ދިން ތަރުހީބާއި އެއްބާރުލުމަށް މުޅި ނުކުތާ ޓީމުގެ ނަމުގައި ޝުކުރިއްޔާއެވެ.
ނުުކުތާގެ އާ އަހަރެއް އަހަރެމެން މި ގުނަން ފަށަނީ އާ އަޒުމަކާއި ހިތްވަރަކާ އެކުގައެވެ. މިހާރަށް ވުރެ އަހަރެމެންގެ ކޮންޓެންޓް ރަނގަޅުކުރަން މަސައްކަތް ކުރާނަމެވެ. ކޮންޓެންޓް އިތުރުކޮށް, އާ ޒުވާން މޫނުތަކެއް އިންޝާالله ނުކުތާއިން ފެންނާނެއެވެ.
އަހަރެމެންނާއެކުގައި ތިބޭށެވެ. އިންޝާالله ވަރުނުލާ ނުކުތާ ގަލަމުން ހިތަށް ފޯރުކޮށްދޭނަމެވެ.

6 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން