-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މީ އިޝްގުގެ މަންޒަރެއް --
މި ފިލްމު ބަލަން ދާ ވާހަކަ ބުނީމާ އަހަރެންގެ ބައެެއް ރައްޓެހިން، މިއީ ކޮޕީ ފިލްމެކޭ ކިޔާ ވަރަށް އެއްޗެހި ކިޔެވެ. އެކަމަކު، އަހަރެން ބޭނުންވީ އަމިއްލައަށް ގޮސް މި ފިލްމު ބަލައިލައިގެން އެ ކަން ކަށަވަރު ކުރާށެވެ. މި ފިލްމުގެ މި ހުރި ވަރެއް ބަލައިލާށެވެ.
އޮލިމްޕަހުގެ ފިނި މާހައުލަށް ވަދެ ފިލްމު ބަލައިލާން ގޮނޑީގައި ހަމަޖެހިލީ މިއީ ކިހާވަރެއްގެ އިޝްގެއް ތޯ ބަލައިލާށެވެ. މި ފިލްމު ބަލައިފައި "އިޝްގު' ކިހައިވަރަކަށް އެނގޭނެބާއޭ ހިތަށް އަރަމުންނެވެ.
ފިލްމުގެ ކުރި މަރައިނުލައި ކޮންމެވެސް ވަރަކަށް މި ފިލްމުގައި ވާ ގޮތް ކިޔައިލަދޭނަމެވެ. މީގެ ކުރިން ވެސް އެތައް ނޫހެއްގައި މި ޕްލެޓް ލިޔެ އޮތީ ބާ ވެސް ކޮށްފައެވެ.
މި ފިލްމުގެ ލީޑު ރޯލުން ސަބާގެ ގޮތުގައި އައިމިނަތު ރަޝްފާ (އާޝާ)އާއި އާރިޒްގެ ގޮތުގައި ފެންނަ ޝަރަފް އަބްދުﷲ ބައްދަލުވަނީ މާފުށިންނެވެ. ރިސެޕްޝަނުގައި ތިބި މީހުންނަށް އޮޅުން އަރައިގެން ދެ މީހުންނަށް ވެސް އެއް ކޮޓަރިއެއްް ދެވޭ ހިސާބުންނެވެ. އިތުރު އެހެން ކޮޓަރިއެއް މާފުށިން ނުލިބި، އެ ދެ ބީރައްޓެހިންނަށް މަޑުކުރަން ޖެހުނީ އެއް ކޮޓަރިއެއްގައެވެ.
ދެ މީހުން އެކުގައި ހޭދަކުރެވުނު ދުވަސްތަކުގައި ހިނގާ ލޯބިލޯބި މަންޒަރުތައް އެއަށްފަހު ދައްކައިލައެވެ. މިޒާޖު ތަފާތު ސަބާއާއި އާރިޒްގެ ދެމެދަށް ވަންނަނީ އިޝްގެވެ. ވަރުގަދަ އިޝްގެކެވެ.
އެކަމަކު، އާރިޒް ސަބާއަށް ސިއްރު ކުރަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އާރިޒްއާއި ސަބާއާ ދެމެދަށް އެޅެނީ ކޮންކަހަލަ ހުރަހެއް ހެއްޔެވެ؟ ދެ މީހުން ދެމެދަށް "އިޝްގު" ވަން ނަމަވެސް ދެ މީހުންނަށް މުޅި އުމުރު އެކުގައި ސަފަރު ކުރުމުގެ ފުރުސަތު ލިބޭ ހެއްޔެވެ؟ އާރިޒް ސިއްރުކުރާ ކަންތައް ސަބާއަށް ފަޅާ އަރާ ހިސާބުން ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އާރިޒްއާއި ސަބާއަށް އެކުގައި އުޅުމުގެ ފުރުސަތު ލިބޭ ހެއްޔެވެ؟
މޮޅު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް މި ފިލްމުގެ ކުރިއަށް އޮތް ބައިގައި މި ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ފުރިހަމައަށް ވަނީ ގެނެސްދީފައެވެ. ހަގީގަތަށް ބުނާނަމަ، މި ފިލްމު ފަށައިގެން ގިނަ ކަންކަން ވީ އެއްވެސް ގޮތަކަށް އަހަރެން ހީ ކުރި ގޮތަކަށް ވެސް ނޫނެވެ. އެއަށްވުރެ، އަޒްހާންގެ ގަލަމުން މި ފިލްމުގެ ސަސްޕެންސް ގެނެސްދީފައިވާ ގޮތާއި ޓްވިސްޓުތައް މާ ބޮޑަށް ވެސް ސަޕްރައިޒިންނެވެ.
މި ފިލްމުގައި ހުރިހާ އިހްސާސެއް ގެނެސްދީފައިވެއެވެ. މާފުށީ ގެސްޓު ހައުސްގައި މަަސައްކަތްކުރާ ދެ މީހުންގެ ރޯލު ކޮމެޑީއެވެ. ނެގެޓިވް ރޯލުން ފެންނަނީ ޝާރިފްއެވެ. އޭނާ އެ ރޯލު ކުޅެފައިވާ ގޮތް ނުހަނު ރީއްޗެވެ.
ފިލްމުގައި ހިތަށް އަސަރު ކުރުވާ އެތައް ސީންއެއް ހިމެނެއެވެ. މީގައި ދައްކަނީ ހަމައެކަނި "އިޝްގެއް" ވެސް ނޫނެވެ. މައިވަންތަކަމުގެ ލޯބީގެ ވެސް އަސަރުގަދަ މަންޒަރުތައް ދައްކުވައިދެއެވެ. އޮލިޕްމަހުގެ ތެރެއިން އެ ފަދަ މަންޒަރުތައް ދެއްކި އިރު ބައެއް މީހުން ރުއިތަން ދުށީމެވެ.
މި ފިލްމު ބަލަން ވަނުމުގެ ކުރިން އަޒްހާންއާ ވާހަކަ ދައްކައިލިއިރު އޭނާ ބުނީ މި ފިލްމު ބަލަންވީ ރާއްޖޭގެ ލޯބީގެ ފިލްމުތަކުގެ ކުރީގެ އެރާއަށް އަނެއްކާ ވެސް ދަތުރުކޮށްލަން ކަމަށެވެ. އެ ހަނދާންތައް އާ ކޮށްލަން ކަމަށެވެ.
"ވަރަށް ދުވަސް ވެއްޖެ ދިވެހިން އެންމެ ލޯބިން ބެލި އެއްޗިއްސަކީ ކަލާޔާނުލާ، ލޯބިނުވެވުނުނަމަ. ވަރަށް ދުވަސްވެއްޖެ ކަންނޭނގެ އެކަހަލަ އެއްޗެއް ބަލާނުލެވޭތާ. މި ފިލްމު ބަލަންވީ އަނެއްކާ އެ އެރާއަށް ދާން،" އަޒްހާން ބުންޏެވެ.
ފިލްމު ބަލައި ނިންމައިފައި، އެ ކަމަށް ދެ ބަސް ވާނެ މީހަކު ނުހުންނާނެއެވެ. މި ފިލްމަކީ ނުވަދިހައިގެ އަހަރުތަކުގައި ދެއްކި ފިލްމެއް ނަމަ، ސުޕަ ހިޓެކެވެ. މިހާރު ވެސް، މި ފިލްމު ބަލަން ގޮސްފި މީހަކު އޮލިޕްމަހުން ނުކުންނާނީ އުފަލުންނެވެ. ހިތުގެ އެންމެ ހިމަނާރާ ކުޅެލައިފަދަ ސީންތައް ވެސް މި ފިލްމުގައި ހިމެނޭތީއެވެ.
މި ފިލްމަށް އަޒްހާން ޖުމުލަ ހަތް މަސް ހޭދަކުރިއެވެ. އެއީ އެކަމަކު ހަތަރު މަހުގެ މެދުކެނޑުމަކާ އެކުގައެވެ. ފިލްމު ހެދުމަކީ އޭނާގެ އެންމެ ކުރީގެ ވެސް ހުވަފެނެކެވެ. މި ހުވަފެން އޭނާ ބަލާތާ ނުވަ އަހަރު ވެއްޖެއެވެ. އެންމެ ފުރަތަމަ އޭނާ ހަދަން ފެށީ ލަވައެވެ. ދެން ވެބް ސީރީޒް ތަކެވެ.
"ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސަށް ވެސް ކޮންފިޑެންސްއެއް ބޭނުންވީމަ ދެން ފިލްމެއް ހެދީ،" އަޒްހާން ބުންޏެވެ.
އޮލިމްޕަހަށް ފުރަތަމަ ފިލްމެއް ވައްދަން އަޒްހާން ވިސްނިއިރު، އޭނާއަށް ފެނުނީ ދިވެހީންނަށް ކަމުދަނީ ލޯބީގެ ފިލްމުތައް ކަމެވެ. ދިވެހީންގެ މާހައުލާ ވެސް ގުޅެނީ އެފަދަ ފިލްމެއް ކަމެވެ. އެހެންވެ، އެންމެ ފުރަތަމަ އޭނާ ދިވެހިސިނަމާއަށް ދޫކޮށްލާ ފިލްމަކީ އެފަދަ ފިލްމަކަށް ވާން ބޭނުންވީއެވެ.
މި ފިލްމަށް އަހަރެން ކޮމެންޓެއް ކުރާނަމަ ބުނެވޭނީ، މިއީ ހަގީގަތުގައި ވެސް ދިވެހި ލޯބީގެ ފިލްމުތަކުގެ ތެރެއިން ގަދަ ތިނެއްގައި ހޮވާލެވޭނެ ފިލްމެކޭއެވެ. ފިލްމު ވަރަށް ރީއްޗެވެ.
އާޝާއާއި ޝަރަފް އަދި ޝާރިފްގެ އެކްޓިން މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ހާއްސަކޮށް މި ފިލްމުގެ ބޮޑުބައިން ފެންނަ އާޝާއާއި ޝަރަފް ދެ މީހުންގެ ރޯލް ގެނެސްދީފައިވާ ގޮތަށް ހަމަ 100އިން 100 ދޭން ޖެހެއެވެ.
އަހަންނަށް ގަައިމު ވެސް ފިލްމެއް ރީތިވަނީ ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރާ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުތައް ގިނަވީމައެވެ. ސަސްޕެންސްއެއް އުފެދި، ކޮންމެވެސް ވަރަކަށް ހިތް އަވަސްވާ ގޮތް ވީމައެވެ. މި ފިލްމުގައި އެފަދަ އެތައް ވަގުތެއް އާދެއެވެ.
ފިލްމު ބަލަން ދިއުމުގެ ކުރިން ހިތަށް އެރިއެވެ. "މީ އިޝްގު" ކިޔާ ފިލްމެއްގައި އިޝްގު ރަނގަޅަށް ދައްކައިލެވިފައި ނެތިއްޔާ ކަމަކު ނުދާނެއެވެ. އެކަމަކު، ފިލްމު ބަލައި ނިންމައިފައި ބުނެލަން އޮތީ މި ވަރުގެ އިޝްގެއް ނުދެކެމެވެ. މިއީ ހަމަ ވަރުގަދަ އިޝްގެކެވެ.
ފިލްމު ބަލަން ދާން އުޅުނު އިރު ރައްޓެހިން ދެއްކިހާ ވާހަކައަކީ ހަމަ ޔޯލަ ވާހަކައެވެ. މިއީ އޮރިޖިނަލް ފިލްމެކެވެ. ކޮޕީއެއް ނޫނެވެ. ކޮޕީއަކާ ވައްތަރެއް ވެސް ނޫނެވެ. މީހުން ދައްކާ ވާހަކަ އަޑުނާހާ އަމިއްލައަށް ގޮސް ފިލްމު ބަލާލާށެވެ.
ރީތި

2 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން
-f786fd4b.webp)
11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން