-8402fff9.png)
ސައިފުﷲ އަލީ

މަރާމާތަށް ބަންދުކޮށްފައިވާ ސަލްޓަން ޕާކު އީދު ދުވަހު ހުޅުވައި، ތިން ދުވަހަށް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން ނިންމައިފައިވާކަން އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
ސަލްޓަން ޕާކު މަރާމާތުކުރަން މިދިޔަ އަހަރު އޯގަސްޓު މަހު ވަނީ ބަންދުކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނާ ގޮތުގައި ސިފައިން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447" ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ.
މިހަރަކާތްތައް ފަށާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 ގައި ކަމަށާއި ހަވިރު 6:00 އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވެސް ބުނެއެވެ.
މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި އެސްއޯއީތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ވެސް ބުނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންކަމަށް ވެސް ވަނީ ބުނެފައެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން،ސަލްޓަންޕާކު އަލުން ތަރައްގީކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށާއި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.