-8402fff9.png)
ފާތިމަތު މިޝްކާ
-908d3622.jpg)
ސަލްޓަން ޕާކުގައި ހުންނަ ދިވެހި ތާރީޚީ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދިން މައްސަލައެއް ފުލުހުންނާ ގުޅިގެން ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ބަޔަކު ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާކަން ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަން ހިނގާދިޔަ ގޮތް ދެނެގަތުމަށް ފުލުހުންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ސަރަހައްދަކީ ވީޑިއޯ ކެމެރާ ހަރުކޮށްފައި ހުންނަ އަދި އަބަދުވެސް ތަޅުލާފައި ހުންނަ ތަނަކަށް ވުމުން، ހާދިސާ ހިނގި ގޮތް ހޯދުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މައްސަލަ ބެލުމަށްފަހު އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅުތައް އަޅާނެއެވެ. ދިވެހިރާއްޖޭގެ ތާރީހީ ތަރިކަތަކަކީ ހިމާޔަތްކުރަންޖެހޭ އަގުހުރި ތަކެތި ކަމަށްވާއިރު، އެފަދަ ތަންތަނަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ގައުމީ ވާޖިބެއް ކަމުގައި އެ ވުޒާރާއިން ދެކެއެވެ.
މިހާރު ހިނގަމުންދާ މި މައްސަލައާ ގުޅިގެން އުސްގެކޮޅު ބެލެހެއްޓުމުގެ ޒިންމާއާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ފާހަގަކުރި ގޮތުގައި، އުސްގެކޮޅުގައި އިންޓްރެކްޓިވް މިޔުޒިއަމެއް ހެދުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެތަން ބެލެހެއްޓުމުގެ ކަންކަމާއި ތަޅުދަނޑި ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދުނު ނަމަވެސް، އެކަން އަދި ކާމިޔާބުވެފައިނުވެއެވެ. އެހެންކަމުން، މިހާރުވެސް އެތަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އެ ވުޒާރާއަށް ލިބިފައިނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އުސްގެކޮޅު ފަދަ ތާރީޚީ ތަންތަން މަރާމާތުކޮށް، އެ ތަންތަނުގެ އަގުވަޒަންކުރެވޭނެ ފަދަ އާ ބަދަލުތަކެއް ގެނައުމެވެ. މިގޮތުން، އެތަނުގައި އިންޓްރެކްޓިވް މިޔުޒިއަމެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒެވެ. އުސްގެކޮޅު ފަދަ ތާރީޚީ މުހިންމު ތަންތަން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ ބާރުތައް މިނިސްޓްރީއަށް ލިބިދިނުމަކީ މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން