-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާއާއެކު، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޭވާހިއްލުމުގެ ބަލީގެ ދުވަސް ނުވަތަ "ވޯލްޑް އެސްތުމާ ޑޭ" ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗްގައި ބޭއްވި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
އަދި ނޭވާހިއްލުމާ ގުޅޭގޮތުން މުޖުތަމަޢު ދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންވެސް ޖެހޭ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް، ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
އަދި ނޭވާހިއްލުމާއި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ ތިމާވެށި ތަޣައްޔަރުވުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މި ބަލިތަކަށް ދެވޭ ފަރުވާ ފުޅާވަމުންދާއިރު، އަދިވެސް ދާއިރާއިން ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ނޭވާހިއްލުމުގެ ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން" މިއެވެ.

4 މަސް ކުރިން

7 މަސް ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން