-8402fff9.png)
ފާތިމަތު މިޝްކާ
-60dc2756.jpg)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކޮށްފައިވާ ރުފިޔާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން އީކޮމާސް ވެބްސައިޓުތަކަށް ކުރާ ޑޮލަރުގެ މުއާމަލާތްތައް އެ ބޭންކުން ހަނިކޮށްފިއެވެ.
މި ބަދަލާއެކު، އީކޮމާސް ޕްލެޓްފޯމްތަކުގައި ޚިދުމަތް ހޯދޭނީ ގިނަވެގެން 10 މުއާމަލާތަށް ކަމަށް އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ.
އެމްއައިބީން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރުފިޔާ ކާޑުތަކަށް ދޫކުރަމުން އައި 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މިންވަރެކެވެ. ނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މި ޚިދުމަތް ބޭނުންކުރާ ބައެއް ފަރާތްތަކުން ޒަރޫރީ ބޭނުންތަކުގެ އިތުރުން އެހެނިހެން ބޭނުންތަކަށް ވެސް މި ލިމިޓް ބޭނުންކުރަމުންދާކަން ބޭންކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މިކަމުގެ ސަބަބުން ކާޑުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މި ހިނދުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، ބޭންކުން ވަނީ ބައެއް އީކޮމާސް ވެބްސައިޓުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުހިންގޭ ގޮތަށް ހަމަޖައްސާފައެވެ. ހަމައެހެންމެ، ކާޑު މެދުވެރިކޮށް އީކޮމާސް ސައިޓުތަކަށް ކުރެވޭ ޓްރާންސެކްޝަންތަކުގެ އަދަދު 10 އަށް ވަނީ ކަނޑައަޅާފައެވެ. މިއީ ބޭންކުން ޚިދުމަތްތައް ރެގިއުލޭޓްކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ބޭންކުގެ މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ޑޮލަރުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ. އެމްއައިބީން ބުނާ ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ ޚިދުމަތްތައް ރަނގަޅުކޮށް، ހުރިހާ ކަސްޓަމަރުންނަށް ވެސް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ.