-8402fff9.png)
މިރާޝް މޫސާ
-74c35f99.jpg)
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، މިހާރު ވެސް 52 ސްކޫލެއްގައި އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކަށް އަރާމު މާހައުލެއް ހޯދައިދިނުމުގެ މަގްސަދުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭސީ ހަރުކޮށްފައިވަނީ ކ. މާފުށީ ސްކޫލުގަ އެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވަނީ މަޝްރޫއަށް ބޭނުންވާ ހުރިހާ އޭސީތަކެއް ކަމާގުޅޭ ހުރިހާ ސްކޫލަކަށް ފޮނުވިފައެވެ.
ރާއްޖޭގެ ސްކޫލުތަކަކީ ގިނަ ދުވަސްވީ، އުމްރާނީ ގޮތުން އެކި ގޮންޖެހުންތައް ހުރި ތަންތަން ކަމަށް ވަޒީރު ވިދާޅުވި އެވެ. ޚާއްސަކޮށް، ބައެއް ސްކޫލުތަކުގެ ކަރަންޓު ވިއުގަތަކަކީ 30 ނުވަތަ 40 އަހަރުވެފައިވާ ނިޒާމުތަކަކަށް ވުމުން، އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ވިއުގަތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރަންޖެހިފައިވެ އެވެ. މިފަދަ ފަންނީ ގޮންޖެހުންތައް ހުރި ނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ސްކޫލުތައް އޭސީ ކުރުމުގެ ވިސްނުން ގެންގުޅެފައިނުވާ ކަމަށެވެ. އަދި މިހާރު ވެސް 52 ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ދިމާވާ ކޮންމެ ގޮންޖެހުމަކާ އެކު ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ވަނީ ޔަގީންކޮށްދެއްވާފައެވެ.

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން