-8402fff9.png)
ފާތިމަތު މިޝްކާ
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފަސްވަނަ ބުރުގައި ސަނަދު ހާސިލް ކުރި ދަރިވަރުން
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފަސް ވަނަ ބުރުގައި 91 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފި އެވެ.
ފަސް ވަނަ ބުރުގައި ތަމްރީންވި ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އެވެ.
މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ޒުވާން ޚަތީބުންނަށް ވަރަށް ގިނަ ކަންކަމުގައި ނަސޭހަތްތެރިވެލައްވާފައިވެ އެވެ.
އެގޮތުން ތިމާއަށް ލިބޭ ނިޢުމަތާއި، އުފަލާއި ހިތްހަމަޖެހުމަކީ އަބަދުވެސް އެކަމުގައި މައިންބަފައިން ޝާމިލްކުރަން ޖެހޭނެކަންކަން ކަމަށް ވިދާޅުވި އެވެ. ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް އާދެވެނީ މައިންބަފައިންގެ ބުރަ މަސައްކަތާއި މައިންބަފައިންގެ ހެޔޮ ނަސޭޙަތާއި، ހެޔޮ ދުޢާގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ނިންމާ އިމާމުކަމަށް ނިކުންނަ ފަރާތްތަކާއި، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން، އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުންނާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވަރަށް ގިނަ މަޢުލޫމާތު އޭގައި ހިމެނޭ ވަރަށް ފުޅާ މުޤައްރަރެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި، އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ، އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފެށި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ މަޝްރޫޢުގެ އަމާޒަކީ ޚަޠީބުންގެ އާ ޖީލެއް ބިނާ ކުރުންކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޚަތީބުން މިހާރުވެސް މިސްކިތްތަކުގައި ޚުތުބާ ކިޔައި އިމާމުކަން ކުރަމުން ދެ އެވެ.