-8402fff9.png)
ފާތިމަތު މިޝްކާ

ރައީސް ޑރ. މުއިއްޒު ޒުވާން ޚަތީބުންނާއެކު / ފޮޓޯ: ރައީސް އޮފީސް
މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ދިމާކޮށް ކުރިއަށްގެންދިޔަ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިސްލާމީ ތާރީޚާއި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން،" ރައީސް ވިދާޅުވި އެވެ.
މި މޭރުމުން އެމަނިކުފާނު ވަނީ، އިސްލާމީ ތާރީޚު ދުށް ޒުވާން ޝަޚްސުންގެ ހަނދާނާއި ޛިކުރާ އާކުރައްވާފައެވެ. ހަމައެއާއެކު، ދިވެހި ތާރީޚުގައިވެސް ރާއްޖޭގެ ޢިލްމުވެރީން، ދީނީ ޢިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ޤައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ޤުރްބާނީތައް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވި ޚާއްސަ މަހާސިންތާއެކެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން