-8402fff9.png)
އައިޝަތު ހިދާޔާ

ކުރީގެ ރައީސް ނަޝީދާއި ރައީސް މުއިއްޒު ޕީއެންސީ ކޮންގްރެސްގައި -- ފޮޓޯ/ ޕީއެންސީ
ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ)ގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.
ކޮންގްރެސް ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިއިރު, ނަޝީދު ވަނީ ކުރީ ސަފުން ރައީސަށް މަރުހަބާ ދަންނަވާފައެވެ. ނަޝީދާއެކު ކޮންގްރެސް ޖަލްސާގެ ކުރީ ސަފުގައި ތިއްބެވީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް,ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްاللهގެ އިތުރުން ސަރުކާރުގެ ވަޒީރުނާއި ޕާޓިގެ އިސް ބޭފުޅުންނެވެ.
ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ޖަލްސާތަކުގައި ބައިވެރިވުމަށް އެހެން ސިޔާސީ ޕާޓީތަކަށް އަބަދު ވެސް ދައުވަތު ދެއެވެ. އެގޮތުން މީގެކުރިން ނަޝީދު އިސްވެހުންނަވައި އުފެއްދެވި ސިޔާސީ ޕާޓި ދަ ޑިމޮކްރެޓްސްގެ ކޮންގްރެސްގައި ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަނީ ބައިވެރި ވެފައެވެ. އަދި ޖޭޕީން ބޭއްވި ކޮންގްރެސް ޖަލްސާއެއްގައި ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީ މެމްބަރުންނާއި ޕީއެންސީން ވެސް ވަނީ ބައިވެރި ވެފައެވެ.
ނަމަވެސް, ސަރުކާރު ހިންގާ ޕާޓިއެއްގެ ކޮންގްރެސްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީން ބައިވެރިވުމަކީ އާންމުކޮސް ފެންނަ މަންޒަރެއް ނޫނެވެ.
ޕީއެންސީގެ ކޮންގްރެސް ފެށީ މިއަދުއެވެ. މި ކޮންގްރެސްގައި ބައިވެރިވުމަށް ކައުންސިލްތަކުގައި ޕީއެންސީ ތަމްސީލުކުރައްވާ ރައީސުންނާއި މެމްބަރުން އަދި އަންހެނުން ކޮމިޓީގެ ރައީސާއިންނާއި މެމްބަރުން ވަނީ މާލެ އައިސްފައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މި ކޮންގްރެސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޮންގްރެސްގައި ޕީއެންސީގެ ބައެއް މުހިންމު ނިންމުންތައް ނިންމާ އެ ޕާޓީގެ ނައިބު ރައީސް ވެސް އައްޔަން ކުރަން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި ކޮންގްރެސްގައި މިއަދު ވަނީ ޕީއެންސީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައެވެ. މި އިސްލާހުގައި ވަނީ ޕާޓީގައި ދީނީ އިލްމުވެރިންގެ މަޖިލީހަކާއި އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތެއް ހިމެނުމަށެވެ.
ކުރީގެ ރައީސް ނަޝީދު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވިއިރު, އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވަލުވެލެއްވީ މިދިޔަ ޖޫންމަހުއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން