-8402fff9.png)
ސައިފުﷲ އަލީ
-672b6360.jpg)
ދިވެހިރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި މިރޭ ރަސްމީކޮށް ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ ދެމެދުގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތްތަކާ އެކު، ޒަމާނީ ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އަދި ބިޔަ އިގުތިސާދީ މައި މަރުކަޒެއް ގާއިމްކުރުމަށްޓަކައި ދިވެހިރާއްޖެއިން ދިގު މުއްދަތެއް ވަންދެން ދެކެމުން އައި ފޮނި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް މުހިންމު އަދި ބާރުގަދަ ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ ހާއްސަ ގުރޫޕް ފޮޓޯއެއް ނަންގަވާފައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، މި މަޝްރޫއުގެ ޒަރީއާއިން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ގައުމަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުކުރުމަށެވެ.