-8402fff9.png)

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުން --- ފޮޓޯ/ ޕީއެސްއެމް
އިހަވަންދިއްޕޮޅު، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި މި ޚިދުމަތް ފެށުނު ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފައްޓަވަލިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ. އަތޮޅުގެ އެކި ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނެވެ.
މި ޚިދުމަތް ފެށުނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އިސްދައުރެއް އަދާކުރާ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. އެމްޕީއެލްއާއި އެސްޓީއޯ ވެސް މި މަޝްރޫޢުގައި ބައިވެރިވެއެވެ. ބަންކަރިން ޚިދުމަތް ދިނުމަށް ދެ ބޯޓު ބޭނުންކުރެވޭނެއެވެ. އެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ދަށުން ޑީސަލާއި ލޯ ސަލްފާ ފިއުލް ފޯރުކޮށްދެވޭނެއެވެ. "ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށް. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތުގެ އިތުރުން، އެހެނިހެން މުހިންމު ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން، ޝިޕް ސްޓޯސް، ސްޕެއަ ޕާޓްސް އަދި މަރާމާތުގެ ޚިދުމަތްތަކެވެ. މީގެ އިތުރުން، ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.
އެމްޕީއެލްއިން ބުނާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުން ޖުމުލަ 14 ޚިދުމަތެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މިހާރުވެސް މި ސަރަހައްދުން މަހަކު 300 އުޅަނދު ދަތުރުކުރާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އެއް ޕަސެންޓު ބޯޓަށް ޚިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. މި ގޮތުން، ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރެވެއެވެ.
މި އައު ޚިދުމަތާއެކު، އިހަވަންދިއްޕޮޅު ސަރަހައްދު ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އާ ދޮރެއް ހުޅުވިގެން ދިއުމުގެ ފެށުން ކަމުގައި ބެލެވެއެވެ.
-672b6360.jpg)
4 ދުވަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

11 މަސް ކުރިން