-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ހިތާނީ ޕާޓީއެއްގެ ތެރެއެވެ. އެ ތަނުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޔުޝްރާ (ވާޝިޔާ މުހައްމަދު) ހުރީ އެއީ އޭނާގެ އާއިލީ ގެއަކަށް ވާތީއެވެ. އެ ތަނުގައި އެ މީހުން ފޯރި ނަގަން ތިއްބާ ވާޝިޔާގެ ދެބެންގެދެދަރި ކުއްޖެއްގެ ލޯބިވެރިޔާއާއެކު އިގުބާލު (އަހްމަދު އީސާ އާނަންދު) އެ ތަނަށް އާދެއެވެ. އެޔާއެކު، ޔުޝްރާއާއި އޭނާގެ އެކުވެރިން ނިންމީ އޭނާއަށް ލަނޑެއް ދޭށެވެ. ފުށާއި ކުލަ ޖަހާށެވެ.
އެއީ އެ ދެ މީހުންގެ ރަހުމަތްތެރިކަން ފެށޭ ގޮތެވެ. އެ ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވީ ކުޑަ ބަނޑޮހަށް ދިޔަ ޕިކްނިކް ދަތުރަކުންނެވެ. އެ ގުޅުން ފައްކާވެ ކައިވެނީގެ ގުޅުމަކުން އެ ދެ މީހުން ގުޅެއެވެ. އެކަމަކު، އެ ދެ މީހުންގެ ދިރިއުޅުމަށް ބޯމަތިކޮށްލީ އެކި ފަހަރު އެކި ވިލާގަނޑެވެ. ހަތުރުންގެ ވިހައިގެ އަސަރު އެ މީހުންގެ ދިރިއުޅުމަށް ކުރިއެވެ. އެހެންވެ، އެ ކައިވެނި ރޫޅި އިގުބާލާއި ޔުޝްރާ ވަކިވެއެވެ.
އޭރު، ޅަފަތުގެ ދުވަސްތައް ގުނަމުންދިޔަ އެ ދެ މީހުންގެ ދަރިފުޅު ހަމްރާ (ޒޯޔާ ހަސަން) ބައްޕަގެ ލޯބިން މަހުރޫމްވެއެވެ. ހަމްރާއާއި ޔުޝްރާއާ މާ ދުރަށް އިގުބާލުގެ ދިރިއުޅުން ބަދަލުކުރިއެވެ.
އެކަމަކު، ތަގުދީރުގެ ނިޔާއިން އިގުބާލާއި ޔުސްރާ އަނެއްކާ ވެސް އެއްތަން ކުރުވައެވެ. އެކަމަކު، ދިިރިއުޅުމުގެ ހާލަތު އޭރު އޮތީ ބަދަލުވެފައެވެ. ދެ މީހުންގެ ދަރިފުޅު، ހަމްރާ ބަލިއެނދުގައި އޮވެ ދިރިއުޅުމުގެ ފަހު ދުވަސްތައް ގުނަމުންދިޔައެވެ. ކިތަންމެ ލަސްވިޔަސް، ޔުސްރާއާއި އިގުބާލަށް މަޖުބޫރުވީ މާޒީގެ ހިތި ހަނދާންތަކާ ދުރުވާށެވެ. އެކަކު އަނެކަކަށް ހިތް ސާފުކުރާށެވެ.
ލަސްވިޔަސް ޒޯޔާއަށް ބައްޕައެއްގެ ލޯބި ލިބޭނެ ބާވައެވެ؟ ލަސްވިޔަސް ޔުޝްރާއާއި އިގުބާލުގެ ހިތް އަލުން ގުޅޭނެ ބާވައެވެ؟ ލަސްވިޔަސް މަސްލަހަތު ގެއްލި ވިއްސިވިހާލި ގުޅުންތަކެއް އަލުން އިޔާދަކުރެވިދާނެ ބާވައެވެ؟
ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި، ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ "ލަސްވިޔަސް" ފިލްމުގެ ޕްލޮޓު ކުރިމަރައިނުލައި ކިޔައިދެވޭނީ މި ވަރަށެވެ. ޓެޑްރީގެ ފިލުމެއް އޮލިމްޕަހަށް މި އައީ 30 އަހަރު ފަހުންނެވެ. 1994ވަނަ އަހަރު އޭނާ ދިވެހި ސިނަމާއަށް އިންގިލާބީ ބަދަލެއް ގެނައީ "ދެރިޔާ" ފިލުމުންނެވެ. އެއަށްފަހު ޓެޑްރީ ދިވެހި ސްކްރީނުން ގެއްލުމަށްފަހު އަނެއްކާ ވެސް ރޭ ފެނިއްޖެއެވެ.
އެކަމަކު، ތެދަށް ބުނާނަމަ ކިތަންމެ ލަސްވިޔަސް މި ފިލްމަށް ކުރި އިންތިޒާރެއް ބޭކާރެއް ނުވެއެވެ،
ފިލްމަށްފަހު "ނުކުތާ"އާ ވާހަކަ ދައްކަމުން ޓެޑްރީ ބުނީ މި ފިލްމުން އޭނާ ހާސިލުކުރަން ބޭނުންވި ކަންކަން ހާސިލުވެއްޖެކަމަށެވެ. މި ފިލްމުގެ ޕްލޮޓް ލިޔާން އޭނާގެ ހިޔާލަށް އައީ 2010ވަނަ އަހަރު ފެނުނު އުޑާން ކިޔާ ފިލްމެއްގެ ސަބަބުންނެވެ.
" އެ ފިލްމު ފެނުނީމަ އަހަރެން ހިތަށް އެރީ އަހަރެމެން އެބަ ޖެހެޔޭ އަހަރެމެންގެ ކުދިންނާ ދޭތެރޭ އަހަރެެމެންގެ އެހެން ނަޒަރިއްޔާއަކުން ވެސް ދެކެން. ވިސްނާލިއިރު ވާ ގޮތަކީ އާއިލީ ގުޅުންތަކާއި ބައްޕައިންނާ ދަރިންނާ އޮންނަ ގުޅުމާ މައިންބަފައިން ވަކިވީމަ މި ދިމާވާ މައްސަލަތަކާ މިކަހަލަ ވަރަށް ގިނަ ކަންކަން މަގޭ ބޮލަށް އައީ،" ޓެޑްރީ ކިޔައިދިނެވެ.
އެ ހިޔާލުތަކުގެ މައްޗަށް ޓެޑްރީ މި ފިލްމު ލިޔަން ފެށީ 2012ވަނަ އަހަރުއެވެ. އެކަމަކު، އޭރު ވިސްނުމުގައި އޮތީ ޑްރާމާ ސީރީޒެއްގެ ގޮތުގައި ގެންނާށެވެ. އެހެން ނަމަވެސް، އެ ހިޔާލު ބަދަލުވެ ފީޗާ ފިލްމެއްގެ ގޮތަށް އޮލިމްޕަހަށް މި ފިލްމު ގެންނަން ނިންމައި 2017ވަނަ އަހަރު ފިލްމުގެ ގިނަ ސީންތައް އޭނާ އަލުން ލިޔުނެވެ.
މިއީ ތިން ގަޑިއިރާއި ތިން މިނެޓުގެ ދިގު ފިލުމެކެވެ. ބައެއް ފަހަރަށް ފިލްމު މާ ދިގުހެން އިހުސާސްވިޔަސް، ހަގީގަތުގައި ފިލްމުގެ ވާހަކަ ގެނެސްދިނުމުގެ އުކުޅު ގެންގުޅެފައި ހުރި ގޮތުން އެ ކަމެއް އެހާ ބޮޑަކަށް ފާހަގައެއް ނުވެއެވެ. ކޮންމެ ސީނެއްގައިމެ ބެލުންތެރިންގެ ޝައުގުވެރިކަން އަތުލާ ކަންތައްތަކެއް ހިމެނިފައިވެއެވެ.
ޓެޑްރީގެ ފިލްމެއް ކިތަންމެ ލަހުން އަޔަސ،ް މި ފިލްމު ތަފާތުވާ ގޮތް ކިޔައިދޭނަމެވެ. ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަކަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެޑްރެސްކުރެވުނު ފިލްމެއް މި ފަހުގެ ތާރީހެެއްގައެއް ނެތެވެ. ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލައެއް ފެށޭ ހިސާބަކީ ގޭތެރެއެވެ. އާއިލީ މައްްސަލަތަކުގެ ސަބަބުން ދަރިން ނިކަމެތިވެއެވެ.
ދުނިޔޭގެ އެންމެ ވަރިގިނަ ގައުމުގެ ގޮތުގައިި އޮތް މި ރާއްޖޭގައި އެ ވަބާގައި ނުޖެހޭ އާއިލާއެއް ނެތެވެ. ކޮންމެ އާއިލާއެއްގައި ވެސް ވަރިވެފައި، ނުވަތަ ވަރިކޮށްފައި ހުރި މީހަކު ހުންނާނެއެވެ. ޑްރަގުގެ ތެރެއަށް މީހަކު ގޮސްފާނެ ހާލަތްތަކާއި ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތް ވެސް މި ފިލްމުގައި ގެނެސްދީފައިވެއެވެ.
ނަފްސާނީ ބަލިމަޑުކަމަކަށް މީހަކު ގޮސްފާނެ ހާލަތްތަކާއި އެ ހާލަތްތަކުގެ ސަބަބުން ދިރިއުޅުމަށް ކުރާނެ އަސަރު ވެސް ގެނެސްދީފައިވެއެވެ. ބައްޕައެއްގެ ލޯބިން ދަރިއަކު މަހުރޫމްވުމުން ދެން އެ ލިބޭ ހިތްދަތިކަން ގެނެސްދެއެވެ. އެ ނޫނަސް، ކިތަންމެ ލަސްވިޔަސް މި ފިލްމު ނަގައިދެނީ އެތައް ފިލާވަޅެކެވެ.
ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް މަންޒަރުތަކެއް އާދެއެވެ. މި ފިލްމުގައި އިގުބާލްގެ މާމަގެ ރޯލު ކުޅޭ، ފައުޒިއްޔާ ހަސަންގެ ސީންތަކުން އެތައް ބައެއްގެ ލޮލަށް ރޭ ވެސް ކަރުނަ ޖަމާވިއެވެ. ފައުޒިއްޔާ މި ފިލްމުގެ ޝޫޓިން ނިންމާލިތާ ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔެއާ އަލްވަދާއު ކީއެވެ. އެހެންވެ، އެއީ މި ފިލްމުގެ ހާއްސަ މަންޒަރުތަކެކެވެ.
ދިވެހި ސިނަމާގެ ރަސްކަން ކުރި، މޫސާ މަނިކު(ރީކޯ މޫސަ)ގެ ހާއްސަ ފެނިލުމެއް ވެސް މި ފިލްމުގައި އޮވެއެވެ. އެހެންވެ ވެސް މި ފިލްމު ހާއްސަވެއެވެ.
މި ފިލްމުގައި އެންމެ މައިގަނޑު ދެ ރޯލު ކުޅުނު އާނަންދުއާއި ވާޝިޔާގެ އެކްޓިންއަށް 100އިން 100 ދޭން ޖެެހެއެވެެ. ދެ ޖެނެރޭޝަނެއްގެ މަންޒަރުތައް ނަގަން ޖެހުނަސް، އެ މަންޒަރުތައް ޑެލިވާކޮށްދީފައިވަނީ ވަރަށް ފުރިހަމައަށެވެ. ހާއްސަކޮށް، ހިތްދަތި ސީންތަކުގައި އެ މީހުންގެ އެކްޓިންގެ ޖާދުލުން ގައިން ހީބިހި ނަގައެވެ. ޑައިލޮގުތައް ޑެލިވާ ކޮށްދީފައިވާ ގޮތުން އެއަށް މާ ބޮޑު އަސަރެއް ގެނުވައެެވެ.
ފިލްމުގެ އެކި ހިސާބުތަކުން، މީހާގެ ގައިން މުޅިން ހީބިހި ނަގައި ފިނިވާ ހާލަތްތައް އާދެއެވެ. އެއީ ދެރަވާ މަންޒަރުތަކެކެވެ. އަމިއްލަ ދިިރިއުޅުމުގައި އެއްވެސް މީހަކު ވާން ބޭނުންނުވާ، އެކަމަކު އަމިއްލަ ދިިރިއުޅުމާ ރިލޭޓް ކުރެވިދާނެ ބައިވަރު ކަންކަން މި ފިލްމުގައި ދައްކާނެއެވެ.
ފިލްމުގެ އެންމެ އަސަރުގަދަ އެއް ސީނަކީ އިގުބާލާއި އޭނާގެ ދަރިފުޅު ހަމްރާ ވާހަކަ ދައްކާ ސީނެކެވެ. ކިތަންމެ ލަސްވިޔަސް އެ ދެ މީހުން އަލުން ވާހަކަ ދައްކާ މި ސީނުން މުޅި އޮލިމްޕަސް ރޮއްވާލިއެވެ. މަޑު ގިސްލުމެއްގެ އަޑު އެ ހޯލުގެ ތެރެއިން އިވުނެވެ.
ފިލްމުގައި ހަމްރާގެ ރޯލުކުޅުނު، ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަންގެ އެކްޓިންއަށް ގިނަ ބައެއްގެ ސަމާލުކަން މި ފިލްމުގައި ހުއްޓުނެވެ. އޭނާގެ އެ މޮޅު އެކްޓިންއަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ.
ކިތަންމެ ލަސްވިޔަސް، ޓެޑްރީ އެނބުރި ސިނަމާއަށް އައިސްފިއެވެ. އެނބުރި އައިސް ދިވެހި ސިނަމާގެ ހިތް ވެސް އަތުލައިފިއެވެ. ދިވެހި ސިނަމާއަށް ދިރުން ވެސް ގެނުވައިފިއެވެ. މި ފިލްމުގެ މަންޒަރުތައް ހިތުގެ އެންމެ ހިމަ ނާރާ ކުޅެލިއެވެ. ކިތަންމެ ލަސްވިޔަސް، މިއީ އިންގިލާބެކެވެ.

22 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން