-8402fff9.png)

ކައުޘަރު އަހްމަދު ލަތީފް

__
ގައުމެއްގެ ދިރުމާއި ނެތިދިއުން ބިނާވެގެންވަނީ އެގައުމެއްގެ މާޒީން ލިބިގަންނަ އިބުރަތްތަކަކުންނެވެ. އަދި އެމާޒީން ކުރަހައިދޭ ތަސްވީރުތަކަކުންނެވެ. އިންސާނެއްގެ ހަޔާތުގައި ވެސް އޭނާގެ މާޒީން ލިބިގަނެވޭ ފިލާވަޅުން މެނުވީ މުސްތަގުބަލުގެ ބިންގާއެއް ނޭޅޭނެއެވެ. ގައުމެއްގެ މުސްތަގުބަލު ބިނާކުރުމުގައި އެގައުމެއްގެ ތާރީޚު މުހިއްމުވަނީ މިހެންވީމައެވެ. އެފަދަ ހަރުދަނާ ބިންގަލެއް އެޅޭނީ ތާރީޚުގައި ހުރި ޞައްޙަކަމަކުންނެވެ. އެހެންނޫނީ ގައުމުގެ މުސްތަގުބަލު ކުރެހެމުންދާނީ ޝައްކާއި ވަހުމާއި ބުހުތާނުގެ ތެރެއިންނެވެ.
ދަންނަވަންތޯއެވެ. ދިވެހިންނަކީ ލައްކަގިނަ ގޮތްގޮތުން ނަސީބުވެރިބައެކޭ ބުނާތީ ވަރަށްގިނައިން އަޑުއިވެއެވެ. ކަނޑުގެދިރުމާއި އެއްގަމުގެ ދިރުމެވެ. އުޅުމާއި ގުޅުމެވެ. ޙަޟާރަތީ މުއްސަނދިކަމާއި ޢިލްމީ ފަންވަރެވެ. މިއިން ކޮންމެ ނަސީބަކާ މެދު ހަސަދަވެރިވާ ބަޔަކު ދިވެހީން ވަށައިގެން އުޅޭކަމީ ދުނިޔެ ދަންނަ ބޮޑު ސިއްރެކެވެ. މި ސިލްސިލާގެ ތެރެއިން އޮޅުދޫކަރައިގެ ކަމަށް ބުނާ ބަޔަކު ދިވެހިންނާ ތޮޅުނު ނޮވެމްބަރު 3 ގެ ހާދިސާގެ ވާހަކަ ދިވެހިންގެ ތެރޭގައި ދެކެވެނީ އަދި ލިޔެވެނީ އެކި ފަތްފުށްތަކުގައި އެކި ރާގުރާގަށެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ "އިންސައިޑް ޖޮބް" އެކެވެ. އަނެއް ބަޔަކު ކިޔާގޮތުގައި އެއީ ހިންދުކަރައިގެ ހެޔޮފުޅުކަމެވެ. އަހަރެންގެ ބުއްދިއަށް އެއީ "ބޮޑު އޮޅުވާލުމެކެވެ."
ކޮންމެއަކަސް އެދުވަހު މި ބިމުން ޚާއިނުންތަކެއް އަތުލައިގަތެވެ. އެއްބަޔަކު ގައުމީ ލެއިން ތަތްތެޅުނެވެ. ސިފައިންގެ ބޭކަލުތަކެއް މަތިވެރި ޖިހާދަކުން ޝަހީދުވިއެވެ. އަދި ގައުމުގެ ވެރިޔާގެ ކުރިފުޅުމައްޗަށް ތަމަޅައިންގެ ބަޔަކު ފުންމާލިއިރު އެބަޔަކަށް ގައުމުގެ ވެރިޔާ ނޭނގި ވެސް ދިޔައެވެ. އަދި ބަޑި ގުދަނުގެ ތަޅުދަނޑި މައިމަރުކަޒުން ބޭރުގައި ވެސް އޮތެވެ. ޓެރަރިސްޓުން ފިލަންދިޔަ ބޯޓު ފައްތާލައި އެތަނުން މަދު ބަޔަކު އަތުލިއެވެ. ހަމަ ޔަގީނުންވެސް އެދުވަހު މިގައުމަށް ހަމަލާދިނީ އިންޑިޔާ ދަރިކޮޅުގެ ބައެކެވެ.
ނޮވެމްބަރު 3 އާ ބެހޭގޮތުން މުޙައްމަދު ޝިހާބު (2021) ލިޔުއްވާފައިވާގޮތުން، އެދުވަހު ހައްޔަރުކުރެވުނު ބާޣީންނާމެދު ކުރެވުނު ޝަރީޢަތުގައި ކުރެވިގެންދިޔަ ހުކުމްތަކުން ވެސް ސުވާލުއުފެދޭ އެތައްކަމެއް ނިއުޅިގެން ދިޔައެވެ. މިސާލަކަށް ހުރިހާ އެންމެނާމެދު އެއް ހުކުމެއް ކުރެވިގެންދިޔަކަމީ ވެރިކަމުގެ ބާރާއި ނުފޫޒު ކަމުގެތެރެއަށް ފާވެފައި އޮތްކަމުގެ އަލާމާތެކެވެ. އަދި އެހާދިސާއަށް ފަހު ވެރިކަމުގެ ފަރާތުން ދިވެހި އަހުލުވެރިން ކޮންޓްރޯލްކޮށް ނުހައްގުން އަނިޔާކޮށް ވެރިކަމާ ދެކޮޅު ވިސްނުން ނައްތާލުމަށް ކުރަމުންއައި ކަންކަންވީ އިތުރެވެ. އިތުރު ވިހި އަހަރަށް ކުޑަކާފާއި ބޮޑުކާފު ޖެހުން ދިޔައީ މެކުހަށެވެ. އެހެންނަމަވެސް މީހުން ބުނެއުޅޭތާއެވެ. އިންސާނުންނަށް ވެސް ކެތްވާނީ ވަކިވަރަކަށެވެ.
ޒަމާނުގެ އޮއިވަރުގައި ދިވެހީންޖެހި ބައެއް މީހުން ކޮންމެވެސް ވަރަކަށް ތަހުޒީބުވެ އަނެއްބަޔަކު ސަނަދުވެރިވުމުގެ ނަތީޖާއަކީ ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމަށް ދިވެހިން ލޯހުޅުވޭގޮތްވުމެވެ. ވެރިކަން ބަދަލުކުރާން ވެރިކަމާނުތޮޅެ، ޖަހާ ފާހަގައިން ވެރިޔާބަދަލުވީ ބަދަލަކަށް ދިވެހިން ދިން ފުރަތަމަ ވޯޓުންނެވެ. އެހެން ނަމަވެސް އޭރުވެސް އިދިކޮޅުގައި ތިބި ފަރާތްތަކަށް ނޮވެމްބަރު 3 ގެ ކަޅު ހިޔަނި އެޅިފައިވާކަމަށް ބައެއްމީހުން ބުނަމުން ދިޔައެވެ. އެބަޔަކު މިއަދުވެސް އެދިގޮވަނީ އަވަށްޓެރި އިންޑިޔާއިން ނޫނީ ބިހާއި ފިޔާ ނުލިބޭނެކަމަށެވެ. އިންޑިޔާއިން ނޫނީ މުދައްރިސުންނާއި ޑޮކްޓަރުން ނުލިބޭނެކަމަށެވެ. އިންޑިޔާއިން ނޫނީ ބޭހާއި ކެޔޮ ނުލިބޭނެ ކަމަށެވެ. އިންޑިޔާއަށް ނޫނީ މިގައުމު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އަހަރުތަކެއް ކުރިން އިންޑިޔާގެ ބޮޑުވަޒީރަކު ވިދާޅުވިކަމަށް ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވި ވާހަކައެކެވެ. " އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުފުރޮޅާ އެންމެ ގަލެއްވެސް މި އިންޑިޔާ ކަނޑަކު ނޯންނާނެއެވެ. " ތެދެކެވެ. އިންޑިޔާކަނޑުގައި ގާ ހުރީ މިރާއްޖޭގައެވެ. ފެށުނީއްސުރެ ދިވެހިރާއްޖެ ވެފައިވަނީ އިގްތިސާދީގޮތުން މިސަރަހައްދުގެ ބޮޑެތި އެހެން ގައުމުތަކަށް ނުހަނު ބޭނުންތެރި ރާއްޖެއަކަށެވެ. ކަނޑުއަޑީގެ މިނަރަލްސްތަކާއި މަސްމަހާމެހީގެ މުއްސަނދިކަމެވެ. ސާފު ގޮނޑުދޮށްތަކާއި ބަލައިފޫހިނުވާ ފަރުތަކެވެ. މިހުރިހާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ މުއްސަނދިކަމަށް ދަހިވެތިކަން އެންމެ ބޮޑުވާނެ އެއްބަޔަކީ އަވަށްޓެރި ދަހިވެތި އިންޑިޔާއެވެ. ގާ ފުރޮޅޭނީ ގާ ހުރިތަނަކުންތާއެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއިރު، އެ އުދުވާނީ ހަމަލާގައި ބައިވެރިވި ދިވެހި ބާޣީން މިހާރު ވަނީ ގާތްގަނޑަކަށް ޖަލުހުކުން ތަންފީޒުކޮށް މިނިވަންވެފައެވެ. ނޮވެމްބަރު 3 ގެ "ބޮސް" ދާދި އިހަކަށްދުވަހާ ޖެހެންދެން ވެސް ދިވެހި އެމްބަސީއެއްގެ ހިމާޔަތުގައި އުޅުނުކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ކޮންމެއަކަސް، ޒަމާނީ ދުރުމީން މަންޒަރު ބަލާލުމުން ފެނި ހާމަވަނީ، ނޮވެމްބަރު 3 ގެ ބާޣީންނާ ދަހިވެތި އިންޑިޔާއާ އޮތް ދޯސްތީކަމެވެ. އެބައިމީހުންނީ ޔާރުންތަކެއްފަދަ ބައެކެވެ. މިއިންކޮންމެ ގުޅުމަކުން ފެނިހާމަވަނީ ދިވެހި ގައުމަށް ޣައްދާރުވާ ބަޔަކު ރޯމާދުވާލު މިގައުމުގެ މަގުތަކުގައި ހިނގައިބިގައިވެ އުޅޭކަމެވެ.
ތާރީޚު ދިރާސާކުރައްވާ ބައެއް މުފައްކިރުންގެ ގަލަންތަކުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ރާވައި ހިންގާފައިވަނީ އިންޑިޔާ ސިފައިންގެ ހިމާޔަތުގައި ދިވެހި ޚާއިނުންތަކެކެވެ. އެހެންނޫން ނަމަ އިންޑިޔާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ބަޔަކު، ޓަކަޓަކަ ބޯޓުތަކެއްގައި އިންޑިޔާގެ ފުރިހަމަ ކޮންޓްރޯލްދަށުގައި އޮތް ސަރަހައްދަކުން ފުރައިގެން އަންނައިރު، ޓަކަޓަކައިގެ އަޑު މަނަވަރުތަކަށް މޭރުންނުވެ ނުހުންނާނެއެވެ. އިންޑިޔާގެ ނިޔަތް ރަނގަޅުނަމަ، ސްރީލަންކާގެ އިންޑިޔާއާ ވީ ފަޅީގައި އޮތްތަނަކަށް ތަމަޅައިންގެ ބަޔަކުއަރާ އެތަނުގައި ވަޒަންވެރިނުވީހެވެ. ވަކިވެގަންނަން މަސައްކަތް ނުކުރީހެވެ. ސިންގަޅައިންނާ ހަނގުރާމަ ނުކުރީހެވެ. ބައެއް މީހުން ތުހުމަތުކުރާގޮތުގައި އޭރުގެ ދިވެހި ގައުމުގެ ވެރިޔާއަށް ނޮވެމްބަރު 3 ގެ އުދުވާނުގެ ޚަބަރު ހާދިސާ ހިނގުމުގެކުރިން އޮތީ ލިބިފައެވެ. އެހެން ނޫންނަމަ، ކުރިމައްޗަށް ފުންމާލި ތަމަޅައިންނަށް ވެރިޔާ އެނގޭނެއެވެ. ނޭނގުމަކީ އަރަތެއް ނޫނެވެ.
ދިވެހި ގައުމުދެކެ ލޯބިވާ ދިވެއްސެއްގެ ހައިސިއްޔަތުން އެދުވަހު ހިނގައިދިޔަ ކަންކަމާއި ދަހިވެތި އިންޑިޔާއާ ގުޅުވާލެވޭ އެތައް ވާހަކައެއް ވަނީ އަޑުއިވިފައެވެ. ބޮޑު ވަޒީރު ދެއްކި ގާފުރޮޅާވާހަކައެވެ. އިންޑިޔާއިން އިގްތިސާދީގޮތުން ދިވެހިންނަށް ކުރާ ގޯނާތަކެވެ. އިންޑިޔާ ސަފީރުންގެ ނޮހޮރުއްޕާނުގެ ވާހަކައެވެ. ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނާފައިވާ މިންވަރެވެ. ޒަމާނީ ވޯރާ ވިޔަފާރިވެރިންނެވެ. ރިސޯޓު ދާއިރާގައި މަސައްކަތްކުރާ އިންޑިޔާ މީހުން ދިވެހިންނަށް ކުރާ ފުރައްސާރައެވެ. އައިޖީއެމްއެޗް ހިންގުން ހެލްތް މިނިސްޓްރީ އާ ނުޖެއްސުމެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ދިވެހި ޕައިލެޓުންނަށް ދަސްނުވުމެވެ. ސަނަދުވެރި މުދައްރިސުންނާއި ޑަކްޓަރުންނެވެ. ދަންނަވަންތޯއެވެ. ތަފްސީލީ ގޮތެއްގައި މިފަދަ ވަހަކަތައް ތިލަކުރަން އުނދަގޫވިޔަސް މިއީ ދައްކަންޖެހޭ ވާހަކަތަކެވެ.
އޭ ދިވެހި ގައުމާއެވެ. ދިވެހީންގެ ތާރީޚު ދިވެހިންނަށް ކިޔައިދޭންވާނީ އޭގެ އަސްލު ހަގީގަތް ނޯޅޭ ގޮތަށެވެ. ދިވެހި އަބްޠާލުންގެ ޒިކުރާ އާކުރަންވާނީ އޭގެ ހަގީގީ މާނައިގައެވެ. ދިވެހި ސިފައިންދެކެ ދިވެހިން އަބަދުވެސް ފަޚުރުވެރިވާނެއެވެ. ލޮބުވެތި ސިފައިންނޭވެ. ގައިބާރު ދެރަވެ ރިޓަޔަރވާ ދުވަހަކުން ކުރެވޭނެ ޖިހާދެއް ވެވޭނެ ގުރުބާނީއެއް ނޯންނާނެއެވެ. ތިޔައީ ހަގީގީ މާނައިގައި ހެވާއި ނުބައި ވަކިކުރަން ދަންނަ ބަޔަކަށް ވާށެވެ.

17 ދުވަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-52b98715.jpg)
ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން