-8402fff9.png)
މުހައްމަދު މައިލާން

ރާއްޖޭގެ ރިސޯޓެއްގައި މުވައްޒަފަކު ފަތުރުވެރިންނަށް ޚިދުމަތްދެނީ - -
މީގެ 600 އަހަރު ކުރިން ދިވެހިރާއްޖެއަށް މަޣްރިބްކަރައިގެ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ވަޑައިގެން ރާއްޖޭގައި އިސްލާމީ ދަޢުވާ ފެތުރުއްވުމާްެކު، މި ޙުއްބުލްވަތަން އިސްލާމީ ދަޢުލަތަކަށް ބަދަލުވެެެެެގެން ދިޔައެވެ. މިއާއެކު، އިސްލާމީ ރިވެތި އާދަތައް ދިވެހީންގެ ސަޤާފަތުގެ ތެރެއަށް ވަދެ އެމުނި އެތުރިގެން ދިޔަަައެވެ.
މީގެ ނަތީޖާއަކަށްވީ ދިވެހީންފަދަ ހުލްޤުހެޔޮ ބަޔެއް އަދި އިހުނަށްވުރެ ވެސް ރިވެތި އަދަބު އަޙްލާޤެއްގެ ބަޔަކަށްވެގެން ދިޔުމެވެ. ނަމަވެސް، އިސްލާމްދީން އައުމުގެ ކުރިން ވެސް ދިވެހީންނަކީ މެހެމާންދާރީގައި ރިވެތި އަދަބު އަޙްލާޤު ދައްކަމުން އައި ބަޔެއްކަން އިބްނު ބަތުތާގެ ފަތްކޮޅުތަކުން އެނގެން އެބަހުއްޓެވެ.
މިގޮތުން އިބްނު ބަތޫތާގެ ފަތްކޮޅުތަކުން އިނގޭ ގޮތުގައި ދިވެހިންނަކީ އޭރުގައި ރާއްޖެއަށް އެކި ކަންކޮޅުތަކުން ލަފާ ނައުފަހަރުގެ އިސްތިޤްބާލުގައި ކުރުނބަލާއި އަޑަފިކޮޅާއި އެކު އުފާވެރި މޫނުތަކަކާއިގެން ގޮސް އިންތިޒާރަށް ތިބޭ ބައެއްކަން ހާމަވެއެވެ. ދިވެހީންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީންނަކީ އޯގާތެރި، ހިތްހެޔޮ، އެކަކު އަނެކަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔެއްކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަޤީގަތެކެވެ.މިކަން މި ޤައުމަށް ދަތުރުކުރި ބިދޭސީން ވެސް ދަނެއެވެ.
އެގޮތުން 1602 ވަނަ އަހަރުގައި ފަރަންސޭސިވިލާތުގެ މަޝްހޫރު ދަތުރުވެރިޔާ ޕިރާޑްގެ ލިޔުންތަކުގައި އޭނާ ދިވެހިން ސިފަކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ ބުނެފައިވަނީ "ދިވެހި ރާއްޖެއަކީ ޤުދުރަތީ މުއްސަނިދިކަން ލިބިފައިވާ ޤައުމެކެވެ. ހަމައެހެންމެ ދިވެހިންނަކީ މީހުންނަށް އިޙްތިރާމްކުރާ ރިވެތި އަދަބު އާހްލާޤުގެ ވެރި ބަޔެކެވެ."
ދިވެހިންގެ ހަޤީގީ މުއްސަނދިކަމަކީ މިއީ ނޫންތޯއެވެ. ދިވެހިންގެ ރިވެތި އަދަބު އަޙްލާޤާއި އެކަކު އަނެކާއަށް އިޙްތިރާމްކުރުމުގެ ސަޤާފަތެއް ނޫންތޯއެވެ. މިއީވެސް ކާބަފައިން މި ރައްބަށް ދޫކޮށްފައިވާ އަގުބޮޑު އަމާނާތެއް ނޫންތޯއެވެ. މިކަން ދަމަހައްޓާ ދަރިންނަށް މި ރިވެތި ސުލޫކު ދަސްކޮށްދިނުމަކީ އަހަރުމެންގެ ޒިންމާއެއް ނޫންތޯއެވެ. ދިވެހިންނަކީ އެއް ދަރިފަސްކޮޅެއްގެ، އެއް މިއްލަތެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކަށްވުމަކީ މާތްރަސްކަލާނގެ ދެއްވި ކިހާ ބޮޑު ނިއުމަތެއްތޯއެވެ.
މި ކުދިކުދި ޖަޒީރާތަކަށް ބިނާވެފައިވާ ނޫވިލު ކަނޑުތަކުގައި ވިދާ ބަބުޅާ އިތާ މުތްތަކެއްފަދަ މި ކުދި ކުދި ރަށްތަށް އެތަށްހާސް އަހަރުތަކަކު ރައްކާތެރިކަމާއެކު، ދިވެހީންގެ އަތްދޮށުގައި އޮތުމީ ކިހާބޮޑު ނިޢުމަތެއް ތޯއެވެ. ވިސްނާ ފިކުރު ކޮށްބަލާށެވެ. އަހަރުމެންނަށް މި ގުނާއަގުނުކުރެވޭ ނިޢުމަތް ބަލަން ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ މުއްސަނދި މީހުން އެ އަންނަނީއެވެ. އަހަރުމެންނަކީ އެ ނިޢުމަތުގެ ތެރޭގައި ތިބެމެ އެކަމަށް ޝުކުރުކުރެވޭ ބައެއްތޯ ސުވާލުކޮށްލަމާ ހިނގާށެވެ.
ފަތުރުވެރިކަމަށް ހުޅުވުނު ދޮރަކީ މި ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ވެދާނެއެވެ. ނަމަވެސް ފަތުރުވެރިކަން ކުރިއަރާ ތަރައްޤީވުން ގުޅިފައިވަނީ ދިވެހީންގެ ޒަމާންވީ ރިވެތި މެހެމާންދާރިއާއި ރިވެތީ އަދަބު އަޙްލާޤާކަން އެއީ ޔަޤީން މުޖައްރިބު ކަމެކެވެ. ދިވެހީންނަކީ ހިތްހެޔޮ އޯގާތެރި ބަޔަކަށް ނުވިނަމަ މިއަދު ދިވެހިން ފަތުރުވެރިކަމުގައި މިދެކޭ ރަންޒަމާން ދުވަހަކުވެސް ނުފެނުނީހެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރީތި ޖަޒީރާ ރަށްތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި، ނޫވިލު ފަޅުތަކާއި ޑައިވްކުރާނެ ފަރުތަށްވެސް އެބަހުއްޓެވެ. ނަމަވެސް ފަތުރުވެރިކަން އެބަ ތަރައްޤީވޭ ފުޅާވޭތޯ ސުވާލުކޮށްލަމާހެވެ. ޖަވާބަކީ ނުވެއެވެ. ދިވެހިންގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހީންނަށް ލިބިފައިވާ ބޮޑު ހިތްހެޔޮ ހިތްކަން ދިވެހިން ދަންނަން ޖެހެއެވެ. ދިވެހީންގެ ރިވެތި އާދަކާދަކަން ދަސްކުރަންޖެހޭނެއެވެ.
ދިވެހިންނަކީ އަވަށްޓެރިންނަށް ކަމޭހިތާ، އެމީހުންގެ ތެލީގެ ފޫކަހާ އަޑު އިވެއްޖެނަމަ ކާބޯތަކެތި ހިފައިގެން ދާ ބައެކަން ހަނދުމަކުރާށެވެ. ހުރިހާ އަންހެންވެރިންވެގެން ފަތިހާ މަގުމަތި ކުނިކަހާ އެންމެ ހިކި ފަތްކޮޅެއްވެސް ނުފެންނާނެހެނެ މި ފަސްގަނޑު ތާހިރުކޮށް ގެންގުޅުނު އަދިވެސް ގެންގުޅެމުންދާ ބަޔެކަށްވަމާހެވެ. ގޭގެ ސާފުތާހިރުކަން މަގުމައްޗާއި ވަށައިގެންވާ ވެށްޓަށްވެސް ގެންނަން އަޒުމު ކަނޑައަޅާމާހެވެ. ދިވެހީންނަކީ ސާފުތާހިރުމަކަށް ލޯބިކުރާ ބެއެކެވެ. ބޭރު މީހެއް ދިވެހިން ފާހަގަކުރާނެގޮތް ލިޔެފައިވާ ޕޯސްޓެއް އަހަރެން މީސްމީޑިޔާއިން ދުށީމެވެ. އޭގައި ބުނަނީ ދިވެއްސެއްނަމަ ފުރަތަމަވެސް އެމީހެއްގައިން ދުވާނީ މީރުވަސް ދުވާ ސެންޓެއްގެ ވަސްކަމެވެ.
ދެން އޮތީ ނަސޭހަތެކެވެ. މި ކުޑަކުޑަ ޖަޒީރާ ޤައުމުދެކެ އަހަރެންވެސް ފިސާރި ލޯބިވެއެވެ. ނަމަވެސް އަހަރުމެން ދިވެހި ޤައުމާ މެދު އޮތް ލޯބީގެ ސަބަބުން އުފެދޭ ޖަޒުބާތްތަކަށް ހުށިޔާރުވާންޖެހެއެވެ. މި ޤައުމިއްޔަތު ދަމަހައްޓަން އޮންނަ ލޯތްބާއި ދެކޮޅަށް އެކިމީހުން ރޭވުންތަށް ރާވާނެކަން ދަނެ، އެމީހުންގެ ދަލުގައި މިވަގުތު ނުޖެހުން މުޙިންމެވެ. އަހަރުމެން ދިވެހީންނަކީ ހުށިޔާރު ބަޔަކަށްވަމާ ހިނގާށެވެ. ދޫކޮށްލަންޖެހޭ ފަހަރު ދޫކޮށްލަން ދަސްކުރަމާހެވެ. ޤައުމު އިސްކުރުމަކީ ހުރިހާ ހާލެއްގައި ޤައުމަށް އަތުވެދާނެ ނުރަނގަޅު އަސަރަކުން ޤައުމު ސަލާމަތްވާނެހެން އަހަރުމެންގެ ބަސްމަގާއި ޢަމަލު ބެހެއްޓުމެވެ.
ބޮޑާކަމަކީ ރަނގަޅު ސިފައެއް ނޫނެވެ. ނަމަވެސް، ހިތްތިރިކަމަކީ މާބޮޑަށްވެސް މަޤުބޫލު ސިފައެކެވެ. އެހެން ބަޔަކު ކުރާ ކަމެއް އަޅުގަނޑުމެން ބެލިޔަސް ފާޑުކިޔާކަށް ނުވެއެވެ. އެބަޔަކަށް އެބައެއްގެ ޤައުމު ކުރިއެރުވުނު ގޮތަކަށް ކުރިއަރުވަންވީއެވެ. މި ޤައުމުގެ އަހުލުވެރިން ބަލަންވީ މި ޤައުމު ކުރިއެރުވޭނެ ގޮތެވެ. އެންމެނަށްވެސް އިޙްތިރާމް ކުރަންވީއެވެ. ކާބަފައިން ދެއްކެވި އެ ރީތި މިސާލެވެ. އެއީ ދިވެހީން މިހިސާބަށް ފުދުންތެރިކަމާއެކު އައުމުގެ މައިގަނޑު އެއް ސަބަބުކަންވެސް ކަށަވަރެވެ. ދިވެހީން ދަންނަވީ ރާއްޖެ މި ހިސާބަށް ފަތުރުވެރިކަމުގައި އައީވެސް މާތްރަސްކަލާނގެ ވާގިފުޅާއެކު ދިވެހީން ގަދައަޅާ ކުރި މަސައްކަތުން ކަމެވެ. ނިޢުމަތް ދެއްވަނީވެސް އަދި ގެންދަވަނީވެސް މާތް ރަސްކަލާނގެއެވެ. އެކަލާނގެ އަޅުންނަށް އޮތީ ގަދައަޅާ މަސައްކަތްކުރުމެވެ.
އަމިއްލަ ތަޖުރިބާއެއް ހިއްސާކޮށްލާނަމެވެ. އަހަރެން ޔޫރަޕްގެ މަޝްހޫރު ސިޓީއަކަށް އެއްފަހަރު ދިޔައީމެވެ. އެތަނުގައި އަހަރެންނަކީ ފަތުރުވެރިއެއް ނަމަވެސް އެތަނުން އަހަންނަށް މަރުހަބާ ކިޔާކަމުގެ އިޙްސާސްއެއް ނުކުރެވުނެވެ.
މެހެމާންދާރީ ދިޔައީ ހީކުރިވަރަށްވުރެ މާބޮޑަށްވެސް ދަށްކޮށެވެ. އެ ޤައުމުގައި އުޅޭ އަހަރެންގެ ރައްޓެއްސެއްގާތު މިވާހަކަ ހިއްސާކުރީމެވެ. އޭނާ، ބުންޏެވެ. އަހަރުމެން ޤައުމަށް އެތަށް ބަޔަކު ފަތުރުވެރިން ގޮތުގައި އައިނަމަވެސް އަހަރުމެންގެ މީހުންނަކީ އެހާ މެހެމާންދާރީއަށް ސަމާލުކަންދޭ ބަޔެއް ނޫނެވެ. އެހެންކަމުން ދެވަނަ ފަހަރަށް މީހުން ވަރަށް ނާދެއެވެ. އަސްލު މެހެމާންދާރީ ރަނގަޅުނަމަ މިހާރު ތިފެންނަ އަދަދުގެ ފަތުރުވެރިން ދެގުނައަށް އިތުރުވާނެކަން ކަށަވަރެވެ.
މަތީގައިވާ ތަޖުރިބާއަށް ވިސްނާލުމުން އިނގެނީ މެހެމާންދާރީގެ މުޙިންމުކަމެވެ. ފަތުރުވެރިޔާ އަނބުރާ ޤައުމަށް ދާއިރު އެންމެ ބޮޑަށް ހަނދާން ހުންނާނީ އޭނާއަށް ލިބުނު މެހެމާންދާރީއާއި ހިތްހެޔޮ ޚިދުމަތްކަން އަހަރުމެނެ ދަންނަންޖެހެއެވެ. ޓްރެވަލް ވެބްސައިޓްތަކުގައިވެސް އެންމެ ބޮޑަށް ފަތުރުވެރިން ދިވެހި ފަތުރުވެރިކަމަށް ސަނާކިޔާފައި ހުންނަނީ މެހެމާންދާރީއާއި އަގުނުކުރެވޭ ހިތްހިޔޮ ޚިދުމަތަށެވެ.ނަތީޖާއަކީ ފަތުރުވެރިން އެތަށްފަހަރަކު އަންނަ މަންޒިލަކަށް ވެގެންދިޔުމެވެ.
އާނއެކެވެ. ދިވެހީންގެ ހިނިތުންވުމުގެ އަގު ނިކަން ވެސް ބޮޑުކަން މީގެން ދޭހަވެއެވެ. ދިވެހި ފަތުރުވެރިކަމުގެ ބާނީން ފަދަ ޗަންޕާ އަފީފް އާއި ވިލާގެ ޤާސިމް އިބްރާހިމް އަދި ޔުނިވަރސަލް ކޮލި އުމަރު މަނިކު ފަދަ ބޭފުޅުން މި ހަޤީގަތް ޤަބޫލުކުރަނެކަމަށް ދެކެމެވެ.ހަމަގައިމުވެސް ޔަޤީންވާކަމަކީ ފަތުރުވެރިކަން ތަރައްޤީވީ ރާއްޖޭގެ ގުދުރަތީ ރީތިކަމަކުން އެކަނީ ނޫންކަމެވެ. ނަމަވެސް ދިވެހީންގެ އަގުނުކުރެވޭ ހިތްހެޔޮ މެހެމާންދާރީގެ ސަބަބުންކަމެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން