އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެހުރެ ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އެތަނުގެ ދެ މުވައްޒަފަކާއި އަމިން ކޮންސްޓްރަކްޝަނަށް ޖިނާއީ ދައުވާކޮށްފިއެވެ.
ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ޑޮލަރު އެ އިދާރާގެ އިސްވެރިންނާއި އެ މީހުންނާ ގުޅުން އޮންނަ މީހުންނަށާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ތިން ފަރާތެއްގެ މައްޗަށް މިދިޔަ އާދީއްތަ ދުވަހު ދައުވާ އުފުލާފައިވާ ކަމަށެވެ.
ދައުވާ އުފުލީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑް، ގއ. ގެމަނަފުށި، ފެހިކުރި މުހައްމަދު އަގީލް އާއި 2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމްތައް އަދާކުރި، މ. ހިރިނައިދޫ، ހަސަން ވަހީދުގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށެވެ. އެ ހުރިހާ ފާރަތެއްގެ މައްޗަށް ވެސް އުފުލީ މަނީލޯންޑާކުރަނބް އެހީތެރިވެދިނުމުގެ ދައުވާއެވެ.
މުހައްމަދު އަގީލަށް ކުރި ދައުވާގައި ފާހަގަކުރެވޭ ނުކުތާތައް
- އަމިން އެވެނިއު އިން ބައްސާމު އެޕާޓުމެންޓެއް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާ އިން އަމިން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ޗެކު ތައްޔާރުކޮށްދިނުން
- އެ ޗެކު މެދުވެރިކޮށް އަމިން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން
- އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމަށް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނުލިބެނީސް، އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް 15.4 މިލިއަން ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކުރުން
ހަސަން ވަހީދަށް ކުރި ދައުވާގައި ފާހަގަކުރެވޭ ނުކުތާތައް
- ބައްސާމު އަމިން އެވެނިއު އެޕާޓްމަންޓް ގަތުމަށް އަމިން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖެނުއަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކުރުން
- އެ ފައިސާއަށްވާ 1.54 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަޕްރައިޒަސް އިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދިނުން
- އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖެނުއަރީ 2021 ދުވަހު ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކުރުން
- އެ ފައިސާއަށްވާ 1.54 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް އިން ދޫކުރި ޗެކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދިނުން
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް ބައްސާމަށް އަގީލް އާއި ހަސަން ވަހީދު އެހީތެރިވެދީފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.
އަމިން ކޮންސްޓްރަކްޝަނަށް ކުރި ދައުވާގައި ފާހަގަކުރެވޭ ނުކުތާތައް
- 14 އޭޕްރީލް 2021ގައި ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1.9 މިލިއަން ޑޮލަރު ޖަމާކުރުމުން، އަމިން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ނެގޭ ގޮތަށް ބައްސާމު ޗެކަކުން އެ ކުންފުންޏަށް ދޫކޮށްފައިވުން
- އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ފައިސާ ބަލައިގަތުން
- އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވުން
- 14 އޭޕްރީލް 2021ގައި އަމިން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުން
- އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލާ، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމިން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކުރުން
މިކަމުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި އެދިފައިވެއެވެ.
ބައްސާމް ނުހައްގުން ގަތް އަމިން އެވެނިއުގެ ދެ އެޕާޓްމަންޓް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއް މީގެކުރިން އުފުލާފައިވެއެވެ.