-8402fff9.png)
ފާތިމަތު މިޝްކާ

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ފޮޓޯ: ސަން
އޮޑިޓާ ޖެނެރަލް ނެރެފައިވާ ޔޫތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ތަހުގީގު ކުރަން ލަފާދީފައިވާ ދެ ޕްރޮޖެކްޓަކީ މިދިޔަ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކެއް ނޫން ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ 2023 ވަނަ އަހަރު އޮޑިޓް އޮފީހާއެކު އެ މިނިސްޓްރީން ބޭއްވި އެންމެފަހު ބައްދަލުވުމުގައިވެސް، އޮޑިޓްކުރިއިރު، ބޮޑެތި މައްސަލަތަކެއް ނެތްކަމަށް އެ އޮފީހުން މައުލޫމާތުދީފައިވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ކޮންމެ އަހަރަކުވެސް ޔޫތު މިނިސްޓްރީ އޮޑިޓް ކޮށްފައިވާއިރު، ފަސް އަހަރު ތެރޭ އެންމެ ފަހަރަކުވެސް އެއްވެސް ކަމެއް އިސްލާހުކުރަން ރަސްމީ އަދި ނުރަސްމީ ލަފައެއް ވެސް ދީފައިނުވާ ކަމަށެވެ.
އެ އޮޑިޓް ރިޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދުވަސްވަރު ހިންގި ކަންކަން ހިމެނޭހެން ނެރެފައިވާ ރިޕޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރުން އަހަރަށް އޮޑިޓް ރިޕޯޓް ނެރެ އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރަން ލަފާދީ ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރެން އެބަޖެހެއެވެ. ފަހަރުގައި އެކަން ނުވަނީ ބަޖެޓު ނެތިގެންނަމަވެސް،7 އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހުކުރަންވެސް ފުރުސަތު ނުލިބޭނެއެވެ. ރައީސް ނޫނީ ވަޒީރަށް ފިޔަވަޅެއް އަޅަން ފުރުސަތެއް ނުލިބޭނެއެވެ. އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭންތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއްކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެކަމަށް ގަބޫލެއްނުކުރެވެއެވެ. ލިޔެކިއުން ފުރިހަމަކޮށްދޭނެކަމަށް ނުދެކެމެވެ،" މަހުލޫފްގެ ޕޯސްޓްގައިވެއެވެ.
ޔޫތު މިނިސްޓްރީ އިން 576 ޕްރޮޖެކްޓު ހިންގި އިރު އޭގެ ތެރޭގައި ތަހުގީގުކުރަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވަނީ އެންމެ ދެ މައްސަލައެވެ. އެ ދެ މައްސަލަ އަކީ މިދިޔަ ސަރުކާރުން ހިންގި މަޝްރޫއުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފުޓުބޯޅަ ސްކޫލްގެ މަސައްކަތަކީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފަށާފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީއަށް ގަނެފައިވާ ވެހިކަލް ކޮންޓްރެކްޓަރު އޮޅުވާލައިގެން އާ ވެހިކަލެއްގޮތަށް ވިއްކާފައިވާތީ އެކަމުގައި މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތްކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ ކޮންޓްރެކްޓަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށް ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
އެ ދެ މައްސަލައިގެ އިތުރުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ރަނގަޅު ކުރަންޖެހޭކަމަށް އޮޑިޓް އޮފީހަށް ފެންނަ ބައެއް ކަންކަން ކަމަށާއި އަހަރުން އަހަރަށް އޮޑިޓް ރިޕޯޓު އާއްމުކުރެވޭނަމަ، އިސްލާހުކުރަންޖެހޭކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަންކަން މަޝްވަރަަކޮށް އިސްލާހުކުރަން މުވައްޒަފުންނަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެންމެ ގިނަ ޕްރޮޖެކްޓު ހިންގި އެއް މިނިސްޓްރީއަށްވެފައި،ތަހުގީގު ކުރަންޖެހޭ އަދި އެއީ އަޅުގަނޑުމެންނާއި ގުޅުމެއްވެސްނެތް އެންމެ 2 މައްސަލަކަމަށްވީކަމީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެކެވެ،" މަހުލޫފް ވިދާޅުވިއެވެ.
ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އަދި ޓާފްގެ މަސައްކަތް ވަކިވަކިން އިއުލާން ކޮށްގެން މަސައްކަތް ކޮށްފައިވުމަކީ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ މަހުލޫފް ވަނީ އެކަމަށް ރައްދުދެއްވާފައެވެ.
އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރީ ވަކިވަކިން އެކަން ކުރުމަށް ގާނޫނުން ޖާގަ ލިބޭކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެދެމަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށްވުރެ ހެޔޮއަގުގައި، ދައުލަތަށް ފައިދާވާގޮތަށް، ވަކިވަކިން މަސައްކަތްކުރެވޭ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ މަސައްކަތް އަވަހަށް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
" މިސަރުކާރުންވެސް ވަކިވަކިން އެމަސައްކަތް ކުރިއަށްއެގެންދަނީ އެސަބަބާހެދިކަމަށް ގަބޫލުކުރެވެއެވެ،" މަހުލޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީން ހިއްސާކޮށްފައިވާ އެކްސެލް ފައިލް އެއްގައި ބައެއް މައުލޫމާތުތައް ފުރިހަމަނުވުމަކީ، ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިކެކިޔުން ފުރިހަމަ ނުވުމެއްނޫން ކަމަށެވެ. އަދި އެއީ ލިޔެކިޔުން ނެތުމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިޔެކިއުން ގަސްތުގައި ފުރިހަމަނުކޮށް މުވައްޒަފުން މަސައްކަތެއްކޮށްފައި ހުންނާނެކަމަަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ،" މަހުލޫފް ވިދާޅުވިއެވެ.
ކުޅިވަރު ސާމާނަކީ ލިޔުމުން ކައުންސިލްތަކާއި ކުލަބް ޖަމިއްޔާތަކަށް ނުވަތަ އެ ފަރާތުން އަންގާ ފަރާތްތަކާ ހަވާލުކުރެވޭ ސާމާނު ކަމަށާއި ހަވާލުކުރާއިރު، ފޮޓޯ ވެސް ނަގާފައިވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭކަން ފާހަގަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ޔޫތު ސެންޓަރުންތަކުގެ ހިންގުން ކައުންސިލްތަކާ ހަވާލުލޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮށްފައިވާ ޚަރަދުތަކަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ކުރި ޚަރަދުތަކުގެ ތަފްސީލު ކަމަށެވެ. މިދިޔަ ސަރުކާރުގައި އެ މިނިސްޓްރީއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކޮށްފައިވާނީ، ޚަރަދު ތަފްސީލު މިނިސްޓްރީއަށް ހުށަހަޅާގޮތަށް ކަމަށާއި އެކަމުގެ ތަފްސީލް ލިޔުމުން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައެއް ފިކްސްޑް އެސެޓްސް ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާކޮށްފައިވާއިރު، އޭގައި އެ ވަނީ މިސަރުކާރުން ސްޕޯޓްސް އަދި ޔޫތު މިނިސްޓްރީ ވަކިކުރިއިރު ގެއްލިގެން މީޑިއާގައި ރިޕޯޓުކޮށްފައިވާ ބައެއް ސާމާނުތަކުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން
-0521b75b.jpg)
5 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން