-8402fff9.png)
ސައިފުﷲ އަލީ

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ މުއައްސަސާގެ ހައިސިއްޔަތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރަށްރަށުގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި މުޖުތަމައުގައި ހަމަހަމަކަން ގާއިމުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި އަލަށް ގާއިމުކުރެވޭ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ މުޖުތަމައުގެ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ މުހިންމު މަރުކަޒުތަކެކެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަދި ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ދެ މިނިސްޓަރުންވެސް ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި މިއީ ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން

3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން
-81c586bb.png)
4 މަސް ކުރިން