-8402fff9.png)
ހަސަން އިޔާން

ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާއިރު، އިރުމަތީ ޔޫކްރޭންގެ ފްރަންޓް ލައިންގައި ހަނގުރާމަވެސް ކުރިއަށް
ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ބިންތައް ރަޝިޔާއަށް ދޫކޮށްލަން މަޖުބޫރުވާ ފަދަ އެއްބަސްވުމަކަށް ނުދިއުމަށްޓަކައި، ޔޫކްރެއިނުން އެމެރިކާގެ ވައިޓް ހައުސްއަށް ހުށަހެޅުމަށް ސުލްހައިގެ އައު ޕްލޭނެއް ތައްޔާރުކުރަމުންދާ ކަމަށް ރިޕޯރްޓްތަކުން ބުނެފިއެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ސުލްހައިގެ ނަމުގައި ގައުމުގެ ބިންތައް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، ޔޫކްރެއިނުގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ވެސް، ރަޝިޔާއަށް ބިން ދޫކޮށްލުމުގެ އެއްވެސް "ގާނޫނީ އަދި އަޚްލާގީ ހައްގެއް" އޭނާއަށް ލިބިވަޑައިގެންފައި ނުވެއެވެ. އަދި ގައުމުގެ ބޯޑަރުތަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ވަނީ ސުލްހައިގެ ޑްރާފްޓް ޕްލޭނެއް ހުށަހަޅާފައެވެ. ނަމަވެސް ޔޫކްރެއިނާއި ޔޫރަޕްގެ ލީޑަރުން ދެކޭގޮތުގައި މި ޕްލޭން ބުރަވެފައިވަނީ ރަޝިޔާއަށް ފައިދާވާ ގޮތަށެވެ. ޚަބަރުތައް ބުނާގޮތުން މި ޕްލޭންގައި ހިމެނެނީ:
މިކަންކަމަކީ ޔޫކްރެއިނަށް ގަބޫލުކުރަން އެންމެ ދަތި، އަދި އެންމެ "ހައްސާސް" މައްސަލަތައް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
މި ހާލަތާ ގުޅިގެން ޒެލެންސްކީ ގެންދަވަނީ ޔޫރަޕްގެ އިއްތިހާދާއި ނޭޓޯގެ ލީޑަރުންނާ ބައްދަލުކުރައްވަމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމާ، ފްރާންސްގެ ރައީސް މެކްރޯން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒްއާ އެކު ބޭއްވި ބައްދަލުވުންތަކުގެ ބޭނުމަކީ، ޔޫކްރެއިނަށް ނުރައްކާވާ ފަދަ އެއްބަސްވުމަކަށް އެމެރިކާއިން ބާރުއެޅިޔަ ނުދިނުމަށް އެ ގައުމުތަކުގެ އެހީތެރިކަން ހޯދުމެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ސުލްހައިގެ އެއްބަސްވުމަށް އޮތް މައިގަނޑު ހުރަހަކީ ޒެލެންސްކީއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހުށަހެޅި ޕްލޭނާ މެދު ރަޝިޔާގެ މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް ޒެލެންސްކީ އެ ޕްލޭން އަދި ރަނގަޅަށް ވިދާޅުވެފައިނުވާތީ ހިތާމަކުރައްވާ ކަމަށެވެ.
ސިޔާސީ ގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، ހަނގުރާމައިގެ މައިދާނުގައި ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. ރޭގައި ރަޝިޔާއިން ދިން ޑްރޯން ހަމަލާތަކެއްގައި ޔޫކްރެއިނުގެ އުތުރު-ހުޅަނގުގައި އޮންނަ ސޫމީ ސަރަހައްދުގެ ކަރަންޓުގެ ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ވެ، އެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
ޔޫކްރެއިނުގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، އެމެރިކާއަށް ހުށަހަޅާ އައު ޕްލޭން އަންގާރަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށް ފޮނުވޭނެ ކަމަށް ބެލެވެއެވެ.