-8402fff9.png)
ހަސަން އިޔާން

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ -- ފޮޓޯ: ރޮއިޓާސް
އެމެރިކާއާއި ޔޫކްރެއިންގެ އެހެން ބައިވެރިންނަށް އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވިއްޖެނަމަ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ހާލަތުގައި އިންތިޚާބު ބޭއްވުމަކީ ޔޫކްރެއިންގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ނަމަވެސް، މިދިޔަ އަހަރު ޒެލެންސްކީގެ ރިޔާސީ ދައުރު ހަމަވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ރަޝިޔާއާއެކު ހިނގަމުންދާ 4 އަހަރުވީ ހަނގުރާމަ އަވަހަށް ނިންމާލުމަށާއި އިންތިޚާބު ބޭއްވުމަށް ޒެލެންސްކީއަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ.
ޕޮލިޓިކޯއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، ސަލާމަތީ ކަންކަން ކަށަވަރުވެއްޖެނަމަ ކުރިއަށް އޮތް 60 ނުވަތަ 90 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ޔޫކްރެއިން ތައްޔާރުވާނެ ކަމަށެވެ.
އަޅުގަނޑު މިހުރީ އިންތިޚާބަކަށް ތައްޔާރަށް. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ވިލާތުގެ ގައުމުތަކާ ގުޅިގެން އެމެރިކާއިން އެހީތެރިވެދިނުމަށް އަޅުގަނޑު އެދެން،- ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ
ނަމަވެސް ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ "ބޭކާރު" ވާހަކަތަކެއް ކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ އެކަން ދޮގުކުރައްވާފައެވެ.
ރަޝިޔާއަށް ފައިދާވާ ގޮތަށް އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނާ ދެކޮޅަށް ޔޫކްރެއިނުން ދަނީ އަޑުއުފުލަމުންނެވެ. އަދި ޔޫކްރެއިނުން ބޭނުންވަނީ ރަޝިޔާއިން އަލުން ހަމަލާއެއް ނުދޭނެކަން ކަށަވަރު ކުރުމަށް ބައިވެރިންގެ ފަރާތުން ވަރުގަދަ ސެކިއުރިޓީ ގެރެންޓީއެއް ކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރަޝިޔާއިން ދެމުންދާ ވައިގެ ހަމަލާތަކާއި، ބޯޑަރު ކައިރީގައި ތިބި މިލިއަނެއްހާ ސިފައިންނާއި، ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ރައްޔިތުންނެއް ތިބުމާއެކު، އިންތިޚާބެއް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ޔޫކްރެއިންގެ އޮފިޝަލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މީގެ އިތުރުން ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ތިބި ރައްޔިތުންނާއި، ހަނގުރާމައިގެ ފްރަންޓްލައިން ކައިރީގައި ތިބި މީހުން ވޯޓުލާނެ ގޮތެއް ވެސް ވަނީ ނުނިންމިއެވެ.
އަންގާރަ ދުވަހު ޒެލެންސްކީ ވިދާޅުވީ، މާޝަލް ލޯ ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވޭނެ މަގު ފަހިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެކުލަވާލުމަށް ގާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމައިގެ ތެރޭގައި އިންތިޚާބު ބާއްވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް، 2019 ވަނަ އަހަރަށްފަހު ސިޔާސީ މަސްރަހަށް ބަދަލެއް އައިސްފައި ނުވާތީ، އާ މޫނުތަކެއް ފެނުމަށް ރައްޔިތުން ބޭނުންވެއެވެ.