-8402fff9.png)

ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވާން ޒަގަރްޔާން
ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓަކަށް ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވާން ޒަގަރްޔާން ރައްދުދެއްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ރަޝިޔާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން އދއިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވެފައެވެ. އަދި، އދގެ ސަލާމަތީ މަޖިލިސް އަދިވެސް އެބަ އޮތްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
އެ ވާހައަށް ރަައްދުދެއްވާ ރަޝިޔާ ސަފީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މައުމޫންގެ ޓުވީޓުގައި ވަނީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި، ރަޝިޔާގެ އަސްކަރިއްޔާއިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތައް ފަށަން ޖެހުނު ސަބަބުތައް ދިރާސާކުރެއްވުމަށް މައުމޫނަށް ސަފީރު ވަނީ ދަންނަވާފައެވެ.
"އެއީ، ނޭޓޯއިން ރަޝިޔާގެ އިމާ ދިމާލަށް [ހަމަލާދޭން] ވަރުގަދައަށް އައުން އަދި ކިއެވް [ޔޫކްރޭން]ގެ ސަރުކާރުގެ ނިއޯ-ނާޒީ އުސޫލުތައް" ސަފީރު ވިދާޅުވިއެވެ.
ޔޫކްރޭންގެ ހަމަލާތަކުގައި ރަޝިޔާގެ ޑޮންބާސް ސަރަހައްދުގެ އާންމުންގެ ގިނަ ބަޔަކު މަރުވެފައިވާއިރު އެ ކަންކަމަށް ރައީސް މައުމޫން ސަމާލުކަން ނުދެއްވަނީ ކީއްވެތޯ ސަފީރު ސުވާލު އުފައްދަވާފައިވެއެވެ.
މީގެ އިތުރުން، އެ ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމު ނުވެ، ހަނގުރާމަ ދިގުލައިގެން ދިއުމުގައި އެމެރިކާއާއި، އިނގިރޭސިވިލާތުގެ ދައުރު އޮތް ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން 2022ވަނަ އަހަރު ތުރުކީގެ އިސްތަންބޫލުގައި ބޭއްވި މަޝްވަރާތަކަށް ފަހު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ގާތްވެފައިވަނިކޮށް އެކަން ހުއްޓުވީ އެ ދެގައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްލަ ހަތަރު ފަހަރު މިހާރު އަޅުގަނޑުމެންގެ ގައުމުން އިސްވެ ސުލްހަވުމަށް ހުށަހަޅައިފިން. އެންމެ ފަހުން އެފަދަ ހުށަހެޅުމެއް އިއުލާނުކުރެއްވީ މިދިޔަ ޖޫން މަހު ރައީސް ވްލަޑްމިއާ ޕޫޓިން" ސަފީރު ވިދާޅުވިއެވެ.
ސަފީރު ލެވާން ވަނީ އެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކުން ގެންގުޅޭފަދަ ދެފުއްދެގޮތް ސިޔާސަތެއް ނުގެންގުޅުއްވުމަށް މައުމޫނަށް އިލްތިމާސް ކުރައްވާފައެވެ. އދގެ ސަލާމަތީ މަޖިލީހުގެ މަސައްކަތާމެދު ފާޑުކިޔާނަމަ ފަލަސްތީނުގެ މައްސަަލައިގައި އެ މަޖިލީހުގެ އެންމެ ގައުމެއްގެ ނުރުހުމާހުރެ، އެއްވެސް ފިޔަވަޅެއް ނޭޅި އޮތްކަން ފާހަގަކުރުން މާ އައުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ފަލަސްތީނުގެ މައްސަލައާއި، އިންސާނިއްޔަތު ކަމުގެ މަސައްކަތުގައި މައުމޫނާ ޚިލާފަށް ރާއްޖޭގެ ސަރުކާރުން ރަނގަޅު ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން