-8402fff9.png)
މިރާޝް މޫސާ

ތާލިބާނުންގެ އޮފިޝަލުން އަފްގާނިސްތާނުގެ ޕޮޕީ ދަނޑުތައް ހަލާކުކޮށްލަނީ ---
ތާލިބާނުންގެ ވެރިކަމަށް އައި ފަހުން، އަފްގާނިސްތާނުގައި އުފައްދާ ހަކުރުގެ އަދަދު 95 ޕަސެންޓު ދަށަށް ހިނގައްޖެ ކަމަށް އދ އިން ބުނެފިއެވެ.
އެ ޖަމިއްޔާގެ ކުށްތަކާއި، ޑުރަގާ ބެހޭ އޮފީހުން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެ ބަދަލު އައިސްފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އުފެއްދުމަށް ބޭނުންކުރާ އޯޕިއަމް އުފައްދާ ގަސް ކަމުގައިވާ ޕޮޕީގެ ދަނޑުވެރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު މަނާކުރުމާއި ގުޅިގެންނެވެ.
މިދިޔަ އަހަރު ނިމުނު އިރު، އަފްގާނިސްތާނުގެ 233,000 ހެކްޓަރުގެ ދަނޑުބިމުގައި އޯޕިއަމް ހައްދަމުން ދިޔައެވެ. މިހާރު އެ އަދަދު ވަނީ 10,800 ހެކްޓަރަށް ކުޑަވެފައެވެ.
މީގެ އިތުރުން އޯޕިއަމް އުފައްދާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިދިޔަ އަހަރު އެ ގައުމުން 6،200 ޓަނުގެ އޯޕިއަމް އުފެއްދިއެވެ. މި އަހަރު އުފައްދާފައި ވަނީ 333 ޓަނެވެ.
ޕޮޕީ ހައްދާ ދަނޑުވެރިންގެ އާމްދަނީ އަހަރަކު 1.3 ބިލިއަން ޑޮލަރުން، 110 މިލިއަން ޑޮލަރަށް އެ މުއްދަތުގެ ތެރޭގައި ވަނީ ވެއްޓިފައެވެ.
އދގެ ކުށްތަކާއި، ޑުރަގާ ބެހޭ އޮފީހުގެ އެގްޒެކެޓިވް ޑިރެކްޓަރު ގަދާ ވާލީ ވިދާޅުވި ގޮތުގައި މިއީ އޯޕިއަމްގެ ވަގު ވިޔަފާރި ހުއްޓުވުމަށް ލިބުނު މުހިއްމު ކުރިއެރުމެކެވެ.
"މި ކަމުގެ ސަބަބުން އޯޕިއަމްގެ ޣައިރުގާނޫނީ ވިޔަފާރިއާއި، އޭގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް، ދިގު މުއްދަތުގެ ނަތީޖާއެއް ނެރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ލިބޭ ފުރުސަތެއް" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ދަތި ކުރުމުގެ ފިޔަވަޅުތަކާއެކު، އަފްގާނިސްތާނުގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ދަނޑިވަޅެއްގައި ސިނާއަތް ދަށަށް ދިޔުމަކީ ލިބޭ އިތުރު ގެއްލުމެއް ކަމަށެވެ. އެހެންކަމުން، ޕޮޕީ ހެއްދުން ދޫކޮށްލަމުންދާ ދަނޑުވެރިނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އެހީ ބޭނުންވެއެވެ.
އަފްގާނިސްތާނަކީ މީގެ ކުރިން މުޅި ދުނިޔޭގެ 80 ޕަސެންޓު މަސްތުވާތަކެތި އުފެއްދި ގައުމެވެ. ޔޫރަޕާއި، އޭޝިއާއަށް އެތެރެކުރާ ހެރޮއިންގެ ގިނަ މިންވަރެއް އުފަައްދަނީ އެ ގައުމުގައެވެ.