-8402fff9.png)
ފާތިމަތު މިޝްކާ

ތާލިބާނުން އަފްޣާނިސްތާނާ ހަވާލުވެ އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށްލާފައިވޭ، އަދި އެ ގައުމަށް ލިބޭ ހިލޭ އެހީ ވެސް ވަނީ މަދުވެފައި
އަފްޣާނިސްތާނުގެ ކުޑަކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ ކާނާލިބުމުން މަހްރޫމްވެ، ސިއްހީ ގޮތުން ނުރައްކާތެރި ހާލަތަށް ހުށަހެޅިފައިވާ ކުދިންތަކެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"ސޭވް ދަ ޗިލްޑްރަން"އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން މިއިން ކޮންމެ ކުއްޖެއްވެސް ހިކި އަނަރޫފަވެ "އެކިޔުޓް މެލްނަރިޝްމަންޓް"އަށް ވަނީ ހުށަހެޅިފަ އެވެ. އެއީ ގާތްގަނޑަކަށް 4 މިލިއަނެއްހާ ކުދިންކަމަށް ދިރާސާއިން ދައްކަ އެވެ.
"އެކިޔުޓް މެލްނަރިޝްމަންޓް" އަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ނުވަތަ ސިއްހީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށަށް ދިޔުމެވެ.
'ސޭވް ދަ ޗިލްޑްރަން' އިން ހާމަކުރި ގޮތުގައި، މި ހާލަތު ކުރިމަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ގައުމަށް ލިބެމުންދާ އިންސާނީ އެހީތެރިކަން މަދުވުމުގެ ސަބަބުން، ޒަރޫރީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ 600 އެއްހާ މަރުކަޒު ބަންދުކުރަން ޖެހުމެވެ. މީގެ ކުރިން ގާތްގަނޑަކަށް 4 މިލިއަން މީހުން މި ހިދުމަތްތަކަށް ބަރޯސާވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ލިބޭ އިންސާނީ އެހީ ވަނީ ގާތްގަނޑަކަށް 70 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން 2022 ވަނަ އަހަރު ލިބުނު 3.27 ބިލިއަން ޑޮލަރު، 2025 ވަނަ އަހަރަށް އަންނައިރު 1 ބިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.
މިއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާ އާއި ބައިވެރި ގައުމުތަކުގެ ސިފައިން އެ ގައުމުން ފޭބުމާ ގުޅިގެން، ތާލިބާނުން ވެރިކަމާ ހަވާލުވުމަށްފަހު ކުރިމަތިވި ހާލަތެއް ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. އޭގެ ފަހުން ބޭރުގެ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ހަނިވެ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެހީގެ މިންވަރު މިހާ ބޮޑަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ތާލިބާނުން އަލުން ވެރިކަމަށް އައުމާ ގުޅިގެން ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން އެހީ ދިނުން ހުއްޓާލުން ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.