-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، ހަނގުރާމައިގެ ޙާލަތު ގޯސްވުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ފުރަން އޮތް 12 ފްލައިޓަކާއި، ރާއްޖެއަށް ޖައްސަން އޮތް 7 ފްލައިޓެއް ކެންސަލްކޮށްފިއެވެ.
ރާއްޖެއިން ފުރަން އަދި އަންނަން އޮތް ފްލައިޓުތަކުގެ ތެރެއިން ކެންސަލްވެފައިވަނީ މެދުއިރުމައްޗަށް މަޑުކުރުމަށްފަހު ދަތުރުކުރާ ނުވަތަ އެ ސަރަޙައްދުގެ ގައުމުތަކަށް ނިސްބަތްވާ އެއާލައިންތަކުގެ ފްލައިޓްތަކެވެ. މި ހާދިސާތަކާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު، ވެލާނާ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް މިވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާތަކާ ގުޅިގެން އިއްޔެ އެކަނިވެސް 1,400 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ވެލާނާ އެއާޕޯޓުގައި ތާށިވިއެވެ.
މިއަދުގެ ފްލައިޓުތަކުގެ އިތުރަށް، މާދަމާގެ ދެ ފްލައިޓެއް ވެސް ކެންސަލްވެފައިވާކަމަށް މިހާތަނަށް ދައްކައެވެ.
މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވަނީ އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އީރާނަށް މިސައިލް ޙަމަލާތައް ދޭން ފެށުމާއެކު، އީރާނުން ގަލްފުގެ ބައެއް ޢަރަބި ގައުމުތަކަށް މިސައިލް ޙަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. އީރާނުގެ މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ގަލްފުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.
މީގެ ތެރޭގައި ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށާއި، ބަހްރައިންގައި ހުރި އެމެރިކާގެ ނޭވީ ފެސިލިޓީތައް ކަމަށްވާ ފަސްވަނަ ފްލީޓް ހިމެނެއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށް ވެސް އީރާނުން ވަނީ ބޮން އަޅާފައެވެ.
މި ޙަމަލާތަކަކީ އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ އީރާނަށް ދިން ބޮމުގެ ޙަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން ޙަމަލާތަކެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، އިޒްރޭލާއި އެމެރިކާގެ މި ޙަމަލާގައި އީރާނުގެ ރޫޙާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަވެފައެވެ.

3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން