-8402fff9.png)
ސައިފުﷲ އަލީ

މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ކުރުމަށްޓަކައި މެލޭޝިއާގެ ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ މެލޭޝިއާއިން ތާވަލުކޮށްގެން ރާއްޖެއަށް ކުރަން ފެށި ފުރަތަމަ ކާގޯ ދަތުރުތަކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ މި ހިދުމަތާއެކު ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އިންތިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ކާގޯ ގުޅުވައިދޭ މުހިންމު ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެ، މުދާ ފޮނުވާ ފަރާތްތަކަށް ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ރާޔާ އެއާވޭސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކޮށްގެން ދަތުރުކުރަން ފެށި ދެވަނަ ކާގޯ އެއާލައިނެވެ. މިއީ އާ ކާގޯ އެއާލައިންތައް ގެނެސް ކާގޯ ގުޅުންތައް ސިންދަފާތުކުރުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބަޔެކެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ގުޅުވާލެވިފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 ޓަނަށް ވުރެ ގިނަ ކާގޯ އެ އެއާޕޯޓުން ވަނީ ހެންޑްލްކޮށްފައެވެ.

4 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން