-8402fff9.png)
ސައިފުﷲ އަލީ
-aca689fe.jpg)
މާރުކޭޓް ސަރަހައްދުގައި މީހަކު ޕިކަޕަކަށް ޓޮމާޓޯ ޕޭސްޓް ކޭސްތަކެއް އަރުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި އާ ޤަވާއިދުގެ ދަށުން، ފުޑް އިންސްޕެކްޓަރުން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ގޮތަށް ކަނޑައަޅައިފިއެވެ.
އަލަށް އާންމުކުރި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދަކީ، އިންސްޕެކްޓަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، އަދި އަމަލުކުރަންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދެކެވެ.
މި ޤަވާއިދުގެ ދަށުން، ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ދުރާލައި އެންގުމަކާ ނުލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބިދީފައިވާއިރު، ސާމްޕަލް ނެގުމާއި، ރެކޯޑުތައް ކޮޕީކުރުމާއި، މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމުގެ އިތުރުން އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި އެފަދަ ތަކެތި ނައްތައިލުމުގެ އިޚުތިޔާރުވެސް ދީފައިވެއެވެ. އެހެންނަމަވެސް، މީހުން ދިރިއުޅޭ އަމިއްލަ ގެދޮރު ފާސްކުރެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށްޓަކައި، ޤާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ފަހަރު 5,000 ރުފިޔާއިން، ދެވަނަ ފަހަރު 10,000 ރުފިޔާއިން، ތިންވަނަ ފަހަރު 25,000 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށްފިނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ ޤަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މި ޤަވާއިދުގައި އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވުމަށް ލާޒިމުކޮށްފައިވާއިރު، ކާބޯތަކެތީގެ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމާއި، ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުން ވަނީ ހަރުކަށިކޮށް މަނާކޮށްފައެވެ.
އިންސްޕެކްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާއިރު، އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް މައްސަލަ ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ. އަދި މިގޮތަށް ހުށަހަޅާ މައްސަލަތަކަށް 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީން ޖަވާބުދާރީވާންޖެހޭނެކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

3 މަސް ކުރިން

4 މަސް ކުރިން
-e0afca92.png)
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން