-8402fff9.png)
ފާތިމަތު މިޝްކާ

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީބީޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
2026 ޖުލައި 27 އިން އޮގަސްޓް 1 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ 'ސިޑްސް' އަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަކާލާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައިގަނޑު އަމާޒަކީ ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި، ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިއީ މިފަދަ ނިންމުންތައް ނިންމާ މަރުޙަލާގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ކޮންޒަވޭޝަން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ރިވިއުކުރާ މަރުޙަލާގައި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއަޅާނެއެވެ. އަދި ތިމާވެށީގެ ކަންކަން މޮނިޓަރކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެކެވެ.
ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެ އަނެއް މުހިންމު ކަމަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މަޢުލޫމާތުތަކަކީ ހުރިހާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ މަޢުލޫމާތުތަކަކަށް ހެދުންކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަ ކުރެ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން