-8402fff9.png)
ސައިފުﷲ އަލީ

އެމްޑީޕީން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނަށް ކަމަށާއި އިސްރާއީލަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްރާއީލާއެކު އޮތް ގުޅުންތައް ފާހަގަކުރައްވައި، އެ ވާހަކަތަކަށް ސުވާލު އުފައްދަވާފައެވެ. އެގޮތުން، 1974 ވަނަ އަހަރުން ފެށިގެން ސަސްޕެންޑްކޮށްފައި އޮތް ދިވެހިރާއްޖެއާއި އިސްރާއީލުގެ ގުޅުން 2009 ވަނަ އަހަރު އަލުން އިއާދަކުރެވުނު އިރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްތޯ އާއި، އޭރު ވެރިކަމުގައި އޮތީ ކޮން ޕާޓީއެއްތޯ މުންދު ސުވާލު ކުރެއްވިއެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، 2009 ވަނަ އަހަރު އިސްރާއީލަށް ދިވެހި ޚާރިޖީ ވަޒީރަކު ރަސްމީ ދަތުރުފުޅެއް ކުރެއްވިކަން ފާހަގަކުރައްވައި، އެ ދުވަސްވަރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ހަމައެއާއެކު، ފަތުރުވެރިކަމާއި، ސިއްހަތާއި، ތައުލީމާއި އަދި ސަގާފީ ގުޅުންތައް ރާއްޖެއާއި އިސްރާއީލާ ދެމެދު ގާއިމުކޮށް ހަރުދަނާކުރުމުގެ ޚާރިޖީ އެއްބަސްވުންތަކުގައި 2009 ގައި ސޮއި ކުރެވުނު އިރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއްކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، 2010 ވަނަ އަހަރު އިސްރާއީލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ކްލިނިކް ހިންގުމާއި، އެ ޓީމު ރައީސް އޮފީހަށް ގެންގޮސް ސައިދީ ބައްދަލުކުރި މައްސަލައަށް ވެސް މުންދު އަލިއަޅުއްވާލެއްވިއެވެ. އަދި 2011 ވަނަ އަހަރު ޕެރިހުގައި އޮތް ޔުނެސްކޯގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނު މެންބަރަކަށް ހެދުމަށް ވޯޓު ދޭން އޮތް ބަޔާ ހަމައަށް ދިޔުމުން، އެ ވޯޓުގައި ބައިވެރިނުވާންވެގެން ރާއްޖޭގެ ވަފުދު އަވަސްއަރުވާލައިގެން މާލެ ގެނައި ދަނޑިވަޅަކީ ވެސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުކަން އޭނާ ހާމަކުރެއްވިއެވެ.
މި ވާހަކަތައް ހިއްސާކުރައްވަމުން މުންދު ވިދާޅުވީ ޕޯޑިއަމްތަކުގައި ހުރެ ކިތަންމެ ވަރަކަށް ދޮގު ވާހަކަތައް ދެއްކި ނަމަވެސް، ފަލަސްތީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ދައްކާ ވާހަކަތަކަށް ރައްދު ދޭން މަޖުބޫރުވީ އެހެންވެ ކަމަށެވެ. މި މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު ފާހަގަކުރެއްވި ކަންކަމަކީ އޭރުގެ ހާދިސާތަކާއި ލިޔެކިޔުންތަކުން ސާބިތުވާ ކަންކަން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

19 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-230bf2e2.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން