-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ މަސައްކަތް ކުރާ މީހުންގެ އާބާދީގެ 53 ޕަސަންޓު މީހުން މަސައްކަތް ކުރަނީ ޕަބްލިކް ސެކްޓާ ނުވަތަ ދައުލަތުގެ ވަޒީފާތަކުގައި ކަމަށާއި ބޭރު ގައުމުތަކުގައި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 15 ޕަސަންޓު މީހުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަުދ ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވަނީ ދައުލަތުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ކެނޑުމުގައި ސިޔާސީ ފިކުރަށް ބަލާނެތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓރަު ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައި, މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާކަމެއް ނޫންކަމަށެވެ. އެފަދައިން އަމަލުކުރުމަށް އެއްވެސް މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ވެސް އަންގާފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ކުންފުނިތަކަކީ އެކަށީގެންވާ ގޮތެއްގައި ހިނގާ, ޚަރަދުތައް ދެކޮޅުޖެހޭ, މަގުސަދު ހާސިލްވާ ތަންތަނަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާކަމަށް ޒަރީރު ވިދާޅުވިއެވެ. ކުންފުނިތައް ރައިތްސައިޒް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވާ އެހެންގޮތަކަށް ކަންކުރަން އިރުޝާދުދީފައި ނުވާނެ ކަމަށާއި, މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލައި ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖޭގެ ޕަބްލިކް ސެކްޓާގެ ހާލަތު އަޅައިކިޔަން ޖެހޭކަމަށް ޒަރީރު ވިދާޅުވިއެވެ.
"ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ޕަބްލިކް ސާވިސް އެމްޕްލޯއީސްގެ ގޮތުގައި ތިބެނީ ވޯކިން ޕޮޕިއުލޭޝަންގެ, ޖަޕާނަށް މިސާލަކަށް ބަލާނަމަ 5.9 ޕަސަންޓު މިތިބެނީ. މި ތިބެނީ ވޯކިން ޕޮޕިއުލޭޝަންގެ ޕަބްލިކް ސެކްޓާގައި, ޔޫރަފުގެ ގައުމުތަކަށް ބަލާއިރު މި ތިބެހީ 15 ޕަސަންޓު," ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ސެކްޓާ ބައްޓަންވެފައި ވަނީ ރޭވުމެއް ނެތް ގޮތެއްގައި ކަމަށެވެ. އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކަށް ހަވާލާދީ ޒަރީރު ވިދާޅުވީ, 2018ވަނަ އަހަރު ދައުލަތުގެ ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުން ކަމަށެވެ. ނަމަވެސް, 2019އިން ފެށިގެން 2023އާ ހަމައަށް 100 ޕަސަންޓު އިތުރުވެފައި ވާކަމަށާއި 2023ވަނަ އަހަރު ނިމުންއިރު 36,729 މުވައްޒަފުން ދައުލަތުގެ ކުންފުނިތަކުގައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މިދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41,667. އެހެންވީމައި 2024ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4238 މުވައްޒަފުން. މިއީ 13 ޕަސަންޓުގެ އިތުރުވުމެއް," ޒަރީޒު ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިއެރުން ހޯދޭނީ ކުރިއަރާފައިވާ އެހެން ގައުމުތަކުން އިގުތިސާދު މެނޭޖްކުރާގޮތަށް ކޮށްގެންކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ކުރާނަމަ ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކަނޑާަކމަސްބުނެ އެ ޕާޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން