-8402fff9.png)
ސައިފުﷲ އަލީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީއަށް އައިސްފައިވާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދައުލަތުގެ ރިޒާވް ވަރުގަދަކުރުމަށާއި އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަރީރު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މިއަހަރު ތިންގުނަ އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 ޕަސަންޓުން 9 ޕަސަންޓަށް އުފުލުމުގެ ބިރު އެބައޮތްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ފިސްކަލް ކޮންސޮލިޑޭޝަންގެ މަސައްކަތްތަކަށްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އިގްތިސޯދު އިތުރަށް ހަމަ މަގަށް އެޅުވުމަށްޓަކައި ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން މިވަގުތު ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހިފައިވީ ނަމަވެސް، އަންނަ އަހަރު އިގްތިސޯދު 3.8 ޕަސަންޓަށް އަދި 2028 ވަނަ އަހަރު 6.8 ޕަސަންޓަށް ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވޯލްޑް ބޭންކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައިވެސް މިދިޔަ މަހުވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ހޯދުމާއި، އޮސްޓްރޭލިއާ ފަދަ އާ މާކެޓްތަކަށް ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އިގްތިސޯދު ޑައިވާސިފައިކޮށް، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ ބޭނުން 33 ޕަސަންޓަށް އިތުރުކުރުންކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން