-8402fff9.png)
ސައިފުﷲ އަލީ

ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ދީފައިވާ ރަށެއްގެ ގޮތުގައި ހެދުމަށްޓަކައި ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ސައުދުގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ތިނަދޫގެ އާބާދީގައި 10,000 މީހުން ފުރިހަމަވާ ކަން ދެއްކުމުގެ ގޮތުން، މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނައިގެން ތައްޔާރުކުރި ލިސްޓެއް ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ހިއްސާކުރުމާ ގުޅިގެންނެވެ. އަދި އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ފޮނުވުމަށް އެދުމުން، އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެ ސައްހަ ނޫން ލިސްޓެއް ހުށަހަޅާފައިވާތީއެވެ.
މި ދައުވާ ސައުދު އަލީގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހޯދުމަށް އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފެކްސް މެސެޖެއް މެދުވެރިކޮށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ދައުވާގައިވެއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ތިނަދޫގެ އާބާދީގައި ގާނޫނުގައިވާ އަދަދަށް މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައި، އެކަން އިއުލާނު ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.