-8402fff9.png)
ސައިފުﷲ އަލީ
-7db43d40.jpg)
ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގައި ފާއިތުވި 11 އަހަރު ފަނޑިޔާރުކަން ކުރެއްވި ޝިފާން --
ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ހިންގުން ދޯދިޔާވެފައިވާ ކަމަށް ބުނެ، ބޮޑެތި ތުހުމަތުތަކަކާއެކު، އެ މުބާރާތުގެ ފަނޑިޔާރުކަން މިދިޔަ 12 އަަހަރު ކުރެއްވި ޝިފާން މުހައްމަދު މުބާރާތާ ވަކިވާން ނިންމަވައިފިއެވެ.
މި އަހަރުގެ މުބާރާތް ފެށުނުއިރު ޝިފާން ފަނޑިޔާރުގެ ބެންޗުން ވަނީ ވަކިވެފައެވެ. އޭނާ ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މުބާރާތުން ވަކިވާން ނިންމީ މުބާރާތަށް ދޭ ސަމާލުކަން ކުޑަވެ، ފެންވަރު ދަށް ވާން ފެށުމުން ކަމަށެވެ.
އަދި، އެކަން ރަނގަޅުކުރަން އޮތް، ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން އެކަމަށް "ނުކުޅެދިފައިވާ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރަށް ދުނިޔޭގެ ލަދަށް މުބާރާތް ބާއްވަން ޖެހޭތީ މިކަން ކުރާހެން ވެސް ހީވެއެވެ." އޭނާގެ ލިޔުއްވާފައިވެއެވެ.
ޝިފާން ވިދާޅުވީ މިދިޔަ އަހަރުގެ ގައުމީ މުބާރާތް ނިމުމުން މުބާރާތުގައި ރަނގަޅުކުރަން ޖެހޭކަމަށް ގިނަ ކަންތައްތަކުގެ ލަފާ އެކެޑަމީއަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް، މިއަހަރުގެ މުބާރާތާ ހަމައަށް އައި އިރު ވެސް އެއިން އެއްވެސް ކަމެއް ރަނގަޅު ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ މުބާރާތަށް ދުރާލާ ތައްޔާރުވެފައި ނުވާ ކަމަށް ޝިފާން ވިދާޅުވިއެވެ. މީގެ އިތުރުން ސުލޫކީ މައްސަލައެއް ފާހަގަވެފައިވާ ފަނޑިޔާރުން، ދެން ބެންޗުގައި ނުހިމަނާނެ ކަމަށް ބުނުމަށް ފަހުގައި ވެސް މިއަހަރުގެ މުބާރާތުގެ ބެންޗުގައި އަލުން ހިމަނާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ފާއިތުވި އަހަރުތަކާ ޚިލާފަށް، މިއަހަރު މައުލޫތައް ކަނޑައެޅުމާއި، ދާއިރާތައް ކަނޑައެޅުމުގައި ވެސް ފަނޑިޔާރުން ބައިވެރިވެފައެއް ނެތެވެ."
"މީގެ އިތުރުން، މޮޑަރޭޝަންތަކަށް އެކެޑަމީގެ މެންބަރުން ވަދެ، ނުފޫޒު ފޯރުވަމުންދާ ކަން ވެސް ވާނީ ޚުދު އަޅުގަނޑު ވެސް ފާހަގަކޮށް ޝަކުވާ އުފުލާފައެވެ." ޝިފާން ލިޔުއްވިއެވެ.
އޭނާ ވަނީ މި ފަދަ ކަންކަމުގެ ސަބަބުން މިއަދުގެ ޖީލުގެ މެދުގައި ބަހަށް ނަފުރަތު އުފެދި، ބަސް ދިރުވުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށެވެ.
މީގެ ކުރިން ވެސް ވާހަކަދެއްކުމުގެ މުބާރާތުގެ ހިންގާ ގޮތާމެދު ހިތްހަމަނުޖެހިގެން ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، 2022ވަނަ އަހަރުގެ މުބާރާތުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވަކި ވެސް ވެފައިވެއެވެ.
އެ ކަމާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތަކަކީ ޝިފާންގެ އަމިއްލަ ޚިޔާލު ކަމަށެވެ. އެއީ ރަނގަޅު ވާހަކައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޮންމެ މީހަކަށް އެ މީހަކު ގަބޫލުކުރާ އެއްޗެއް ބުނެވޭނެތާ،" އަޝްރަފް ވިދާޅުވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ ޝިފާން މުބާރާތުން ވަކިވެފައިވަނީ މުބާރާތަށް ފަނޑިޔާރުންގެ ބެންޗު އެކުލަވާލުމުގެ ކުރިން، އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށެވެ.

9 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން