-8402fff9.png)
ޔޫޝައު ހަސަން

ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 14 ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދިވެހިބަހުގެ ދުވަސް މި އަހަރު ފާހަގަކުރުމުގެ ގޮތުން އޮފީސްތަކުގެ މެދުގައި އަތު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ދިވެހިބަހުގެ އެކަޑަމީން ނިންމައިފިއެވެ.
އެގޮތުން އެ އިދާރާއިން ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ތާނަ އަކުރަށް މުވައްޒަފުންގެ ހިތްތަކުގައި ލޯބި އިތުރު ކުރުމުގެ މަގްސަދުގައި ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް އޮންނާނެ ކަމަށާއި މިއަދުން ފެށިގެން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ، ދިވެހި ބަހާ މެދު މުވައްޒަފުން މިހާރަށްވުރެ ފުންކޮށް ވިސްނައި ދިވެހި ބަހާ ބެހޭ މައުލޫމާތު އިތުރު ކުރުމަށާއި ބަހުގެ ހޭލުންތެރިކަން މިހާރަށްވުރެ ބޮޑުކުރުންއި ކަމަށް އެ ސާކިއުލާގައިވެއެވެ.
ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައިގައި ބައިވެރިވުމަށް ހުޅުވާލާފައި ވާއިރު ކޮންމެ އޮފީހަކުން ވެސް ފަސް މުވައްޒަފުން ބައިވެރި ކުރެވެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ސިޓީއަކުން އެކަން އަންގަން އެކަޑަމީން ވަނީ އެދިފައެވެ.
ސަރުކާރު އޮފީސްތައް ހުޅުވޭއިރު އޮފީސްތަކުގެ ހުރިހާ މުވައްޒަފުން ހިމަނައިގެން މި މަހުގެ 15 ވާ ހޯމަ ދުވަހު އެސެމްބްލީއެއް ބާއްވައިދިނުމަށް ވެސް އެކަޑަމީން އެދިފައިވެއެވެ.
މި އަހަރު ދިވެހި ބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ދިވެހިބަހުން ވިސްނަމާ" އެވެ.
މިދިޔަ އަހަރު ވެސް ވަނީ އަތުލިޔުމުގެ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

9 މަސް ކުރިން

9 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-7db43d40.jpg)
ގާތްގަނޑަކަށް 3 އަހަރު ކުރިން