-8402fff9.png)
ސައިފުﷲ އަލީ

މިފްކޯއިން ބޭރުގެ ކުންފުނިތަކަށް މަސް އެކްސްޕޯޓު ކުރުމަށް ފަހު މަސް ބަލައިނުގަންނަ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މަސް ބަލައިނުގަންނަ ގޮތަށް މިހާރު އެކްސްޕޯޓު ނުކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި "އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މަސްވެރިކަމުގެ ސިނާއަތުގައި ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލަ މީގެ ކުރިން ބޮޑަށް ފެންމަތިވެފައި ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޭރަށް ފޮނުވާ މަހަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމުގައި ވަޒީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް، އާންމުކޮށް މަސް ބަލައިނުގަންނަ މިންވަރަށް ވުރެ އިތުރަށް ބޭރުގެ ކުންފުނިތަކުން މަސް ބަލައިނުގަންނަކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އޭރު އެކަން ހިންގަމުންދިޔަ ގޮތުން އެކަމުގައި ގޯސްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މަސް ގަންނަ ކުންފުނިން ދިވެހިރާއްޖޭގެ ބަނދަރެއްގައި މަސް ލޯޑުކުރާ ވަގުތު އިންސްޕެކްޓް ކުރާނެ ކަމަށާއި، ރިޖެކްޓްވާ މަހެއްވާނަމަ ރިޖެކްޓްވާނީ އެ ހިސާބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފްކޯގެ ބުކްގައި ރިޖެކްޓްވާ ގޮތަށް މަސް ބޭރުނުކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި މިފަދަ ޒަމާންވީ މައްސަލަތައް ރަނގަޅުކުރުމަށްޓަކައި ދިވެހިން ކުރާ މަސައްކަތުގައި ތެދުވެރިވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމެއް ނެތި ސިޔާސަތު ބަދަލުކުރުމުން އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގެއްލުންވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސްވެރިކަމުގެ ސިނާއަތް ހަމަމަގަށް އަލުން އެޅުވުމަށް ކުރެވޭ މަސައްކަތުގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-2d4de3c6.jpeg)
5 މަސް ކުރިން

7 މަސް ކުރިން
9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން