-8402fff9.png)
ފާތިމަތު މިޝްކާ
ނަފްސާނީ ސިއްހަތުގެ ދުވަހާއި ގުޅިގެން ކާށިދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން
ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ގާއިމްުކުރަންޖެހޭކަމަށް ސިއްޙަތާޢި އާއިލާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރރަން ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މިއަހަރުގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީާީ ބަދަލު" މި ޝިޢާރަށް އަލިއަޅުވާލައްވާ ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ އެކަމުންވެސް ހަނދާންކޮށްދެނީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެކަން ކަމަށެވެ.
ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުން މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަޙައްމަލު ކުރުމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ. މީގެ އިތުރުން މިއަދު ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބެލުމަށާއި މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށްވެސް ލިބުނު ރަނގަޅު ފުުރުޞަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމާއި އެއީ އެންމެންގެ މަސްޢޫލިއްޔަތެއްކަން މި ހަރާކާތުން ހަނދާންކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ. އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށްގެންދަނީ ކ. ކާށިދޫގައެވެ.