-8402fff9.png)
ސައިފުﷲ އަލީ

މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ބޭނުންވާ އެންމެ ފަހުގެ ނިއުކްލިއާ މެޑިސިން އާއި ރޭޑިއޭޝަން ތެރަޕީގެ ޚިދުމަތްތައް ގާއިމުކުރެވޭނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި "ޑައިގްނޯސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސަސް" ގާއިމުކުރުމަށްޓަކައި ބޭރުގެ ދެ ކުންފުންޏަކާއެކު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ކުއަންޓަމް ހެއިޓްސް އާއި އިންޑިއާގެ ވަސްކިއުލާ ޓެކްނޮލޮޖީ ގުޅިގެންނެވެ. މި އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޑިރެކްޓަރު ޗިންތަން ސޯނީއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރާ ގުޅޭ ބައެއް ސާޖަރީތަކާއި ކީމޯތެރަޕީގެ ޚިދުމަތް ދެމުންއަޔަސް، ރޭޑިއޭޝަން ތެރަޕީ އާއި ނިއުކްލިއާ މެޑިސިން އަދި ޕެޓް ސީޓީ ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުން އަދި ލިބޭކަށް ނެތެވެ. ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި މަރުކަޒު ގާއިމުވުމުން ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ބަލިމީހުންގެ އާއިލާތަކުން އުފުލަންޖެހޭ މާލީ އަދި ނަފްސާނީ ބުރައަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަރުކަޒުގެ މައިގަނޑު މަގްސަދަކީ އާއިލާގެ ގާތުގައި ތިބެގެން އަވަސް މުއްދަތެއްގެ ތެރޭގައި ބަލި ދެނެގަނެ، ޚާއްސަ ފަރުވާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި މަރުކަޒުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓިއުމާ ބޯޑެއްގެ ލަފަޔާއެކު، ބަލި ދެނެގަތުމުން ފެށިގެން ފޮލޯއަޕާ ހަމައަށް ވަށާޖެހޭ ގޮތެއްގައެވެ.
މި މަރުކަޒުގައި އެންމެ ފަހުގެ އައިއެމްއާރުޓީ، ތްރީޑީ-ސީއާރުޓީ އަދި އައިޖީއާރުޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭޑިއޭޝަން ތެރަޕީ ދިނުމުގެ ޚިދުމަތް ގާއިމުކުރެވޭނެއެވެ. މީގެއިތުރުން ސީޓީ ސިމިއުލޭޝަން، ޕެތޮލޮޖީ، ކެންސަރުގެ ޚާއްސަ އޮޕަރޭޝަން ތިއޭޓަރުތައް، ކީމޯތެރަޕީ ޔުނިޓުތައް އަދި އެދުމަތިކޮށްގެން ފަރުވާދޭނެ ވޯޑުތައް ވެސް މި މަރުކަޒުގައި ހިމެނޭނެއެވެ.
މި ދާއިރާއިން ދިވެހި ޑޮކްޓަރުންނާއި، ނަރުހުން، ފިޒިސިސްޓުން އަދި ރޭޑިއޮލޮޖިސްޓުން ތަމްރީނުކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންގެ އެހީގައި ވަނީ ރާވާފައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަރުކަޒުގެ މަސައްކަތް އެކީ ނިންމައި ޚިދުމަތް ދޭން ފެށުމެވެ.

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން