-8402fff9.png)
ސައިފުﷲ އަލީ
ދެން ހުއްޓާލަމާ ސްޓޭކްހޯލްޑަރ ވެލިޑޭޝަން ވޯކްޝޮޕްގައި މިނިސްޓަރު ވާހަކަދައްކަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ
ކުޑަކުދިން ހިމެނޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެއްވެސް ކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް މައުލޫމާތެއް މީޑިއާގެ މަންސަތަކުގައި އާންމު ނުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން މިއަދު އަންގައިފިއެވެ.
މިނިސްޓްރީން މިގޮތަށް އެންގީ މީޑިއާގެ އެކި މަންސަތަކުގައި ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރަމުންދާތީ، އެކަން ހުއްޓުވައި ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.
އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަން ދިނުމާ ގުޅޭ މާއްދާގައި، އާއިލާއާއި ޖަމާއަތާއި އަދި ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް ޤާނޫނުތައް ހެދިފައިވާކަންވެސް ހެލްތު މިނިސްޓްރީން ހަނދާންކޮށްދެއްވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ހަވާލާދީ ހެލްތު މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ. މި ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ ހުރިހާ ކުދިންވެސް ހިމެނެއެވެ.
ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް އެއްވެސް މީޑިއާއެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މިއީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ހަމަތަކެކެވެ.
އާންމުން ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ކުއްޖާގެ މައުލޫމާތު ހާމަކުރުމަކީ ކުއްޖާގެ ޙައްޤަކަށް އަރައިގަތުން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ޤާނޫނީ ބޮޑު ޒިންމާއެއް ކަމަށް ހެލްތު މިނިސްޓްރީން ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން އެފަދަ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް މަންސައެއްގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން