-8402fff9.png)
ސައިފުﷲ އަލީ

ޗައިނާގެ ކޫލްފްލައި ކުންފުނިން މުޅިން ކަރަންޓުން ދުއްވާ، އިލެކްޓްރިކް ވާޓިކަލް ޓޭކްއޯފް އެންޑް ލޭންޑިން (އީވީޓީއޯއެލް) އެއާކްރާފްޓުގެ ޑެމޮންސްޓްރޭޝަން އުދުހުންތަކެއް މިއަދު ހުޅުމާލޭގައި ބާއްވައިފިއެވެ.
މި ހަރަކާތަކީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެން، ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ދާއިރާތައް ދެނެގަތުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށާއި ވިޔަފާރިތަކަށް ފަހިކޮށްދިނުމަށް އިންތިޒާމުކުރި ހަރަކާތެކެވެ.
މި އުދުހުންތައް ކުރިއަށްދިޔައީ ހުޅުމާލޭ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައެވެ. މި ހަރަކާތަކީ މޯލްޑިވްސް އެކްސްޕޯ 2026 ގައި ކޫލްފްލައިއިން ބައިވެރިވުމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިތުރުން، އެމްއެންޑީއެފް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މުޅިން ކަރަންޓުން ދުއްވާ މި އުޅަނދުގެ އުދުހުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މިފަދަ ޓެކްނޮލޮޖީއެއް ތައާރަފުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، އުމްރާނީ ވަސީލަތްތަކާއި ހުނަރުތައް ވަޒަންކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކަރަންޓުން ދުއްވާ އެއާކްރާފްޓުތަކާއި ސިއްހީ ބޭނުންތަކަށް ހާއްސަ ޑްރޯންތައް މެދުވެރިކޮށް ރާއްޖޭގެ ރަށްތަކަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެވިދާނެއެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުތަކާއި ލެބޯޓަރީތަކާ ދެމެދު މެޑިކަލް ސާމްޕަލްތައް އުފުލުމާއި، ކުއްލި ހާލަތްތަކުގައި ބޭނުންވާ ބޭހާއި ވެކްސިން ފޮނުވުމާއި، ކާރިސާތަކުގައި އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ތިމާވެށި މޮނިޓާކުރުން ހިމެނެއެވެ. އަދި އެކަށީގެންވާ ފަރުމާތަކާއެކު ދިގު ރާސްތާގައި ބަލިމީހުން އުފުލުމަށްވެސް މި ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ. މިއީ މިހާރު ބޭނުންކުރާ ފެރީތަކާއި، އެތެރޭގެ އުދުހުންތަކާއި ސީޕްލޭންތަކުގެ ބަދަލުގައި ބޭނުންކުރާނެ އެއްޗެއް ނޫން ނަމަވެސް، އެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ވަސީލަތެކެވެ.
މީގެ އިތުރުން، ތިރި އުސްމިނުގައި ކުރާ ވައިގެ ދަތުރުފަތުރުގެ އިގުތިސާދުގެ ސަބަބުން އެއާކްރާފްޓް މަރާމާތުކުރުމާއި، އިންޖިނިއަރިން، ޕައިލެޓުންނާއި ޓެކްނީޝަނުން ތަމްރީނުކުރުން، ބެޓެރީ ޓެކްނޮލޮޖީ، ޗާޖިން ވަސީލަތްތައް އަދި އެއާސްޕޭސް މެނޭޖްމަންޓް ފަދަ ދާއިރާތަކުން އާ ސިނާއަތްތަކާއި ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.
މި ހަރަކާތަކީ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި އާ ޓެކްނޮލޮޖީއާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ކަމެކެވެ. 2022 ވަނަ އަހަރު ޗައިނާގެ ހަންގްޒޫގައި އުފެއްދި ކޫލްފްލައި އެއާކްރާފްޓް ޓެކްނޮލޮޖީ ކުންފުންޏަކީ ކޫލްފްލައި އާބަން، ޑްރީމް ޕްރޯ އަދި ޑްރީމް އެސްޓީ ފަދަ އީވީޓީއޯއެލް އުޅަނދުތައް އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ކުންފުންޏެކެވެ. ކޫލްފްލައިގެ އުޅަނދުތަކުން މިހާތަނަށް 50،000 އަށްވުރެ ގިނަ އުދުހުން ވަނީ ފުރިހަމަކޮށްފައެވެ.
މި ޑެމޮންސްޓްރޭޝަނަކީ ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަންގެ ހިދުމަތް ރަސްމީކޮށް ފެށުން ނޫން ކަމަށާއި، އެފަދަ ހިދުމަތެއް ފެށުމުގެ ކުރިން ސަލާމަތީ މިންގަނޑުތަކާއި، ގަވާއިދުތަކާއި، އުމްރާނީ ވަސީލަތްތަކުގެ އިތުރުން ދިވެހިންގެ ގާބިލުކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން