-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ މެންދުރަށް ތާވަލުކޮށްފިއެވެ.
ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވެނީ ވޯޓުގައި އަހާ ސުވާލު ފަރުމާކުރެވިފައިވާ ގޮތާ މެދުގައެވެ. މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ވަކާލާތު ކުރަމުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން، އެ ވޯޓުގައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭނެ ކަމަށް އެ ފަރާތުން ދެކެއެވެ.
މީގެ އިތުރުން، ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަންވާނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް، މިކަމަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ފުރިހަމަ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ދައުލަތުގެ ވަކީލުން ފާހަގަކުރި ގޮތުގައި، ވޯޓުގެ ސުވާލު އިބާރާތްކުރަން ޖެހޭނެ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި، އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

16 ދުވަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން