-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވާނެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ސުޕްރީމު ކޯޓުން މިގޮތަށް ކަނޑައެޅީ ޤާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ޙުކުމް އިއްވަވަމުންނެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، މައްސަލައިގައި ފެންނަން ހުރި ކަންކަމަށް ބަލާއިރު ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވޭނެ ޤާނޫނީ ބިނާއެއް ނެތް ކަމަށެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވިފައިވަނީ ވޯޓުގައި އަހާ ސުވާލު ފަރުމާކުރެވިފައިވާ ގޮތާ މެދުގައެވެ.
މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ވަކާލާތު ކުރަމުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ޤާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި އެ ވޯޓުގައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުގައި އޮތް ކަމެއް ކުރަންވާނީ ޤާނޫނުއަސާސީގެ މަޤްޞަދު ޙާޞިލްކުރެވޭ ގޮތަށް ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
މިކަމަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ފުރިހަމަ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ދައުލަތުގެ ވަކީލުން ފާހަގަކުރި ގޮތުގައި، ވޯޓުގެ ސުވާލު އިބާރާތްކުރަން ޖެހޭނެ ވަކި ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި، އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ޤާނޫނުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

16 ދުވަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން