-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުވާނެ ގޮތެއް ނެތް ކަމަށް ސުޕްރީމު ކޯޓުން މިއަދު ނިންމައިފިއެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމު ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވަމުން، ކޯޓުން މިއަދު ނިންމީ އެ އިސްލާހަކީ ދުސްތޫރީ ހަމަތަކާ އެއްގޮތަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. މި މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ހަ ފަނޑިޔާރެއްގެ އަގުލަބިއްޔަތުން މިގޮތަށް ނިންމެވިއިރު، ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެކަންޏެވެ.
މި މައްސަލައިގެ ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން، މަޖިލީހުން ފާސްކޮށްފައިވާ އެ އިސްލާހަކީ ސައްހަ އިސްލާހެއްގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ނުހިނގާނެ ކަމަށް ބުނެ ދައުވާ ކުރި ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް ސުޕްރީމް ކޯޓުން ވަނީ ގޮތެއް ކަނޑައަޅާފައެވެ. ކޯޓުން ނިންމީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށެވެ.
މި މައްސަލައިގައި ތަފާތު ރައުޔެއް ނެރުއްވި ފަނޑިޔާރު ޝުޖޫން ވިދާޅުވި ގޮތުގައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެކެވެ. ޝުޖޫން ލަފާދެއްވީ ގޮނޑި ގެއްލޭ އިސްލާހުގެ ތެރެއިން 73 ވަނަ މާއްދާގެ (ބ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އުނިކުރުމަށެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކުރެއްވީ، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ހައްގުތަކެއް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާތުގެ ބޭރުން ބަދަލުކޮށްފައިވާ އިސްލާހެއް ކަމުގައިވާތީއެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކުރާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން އޮތް ހުރަހެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް، ބެންޗުގެ އަގުލަބިއްޔަތު އޮތީ އިސްލާހު ސައްހަ ކަމަށް ނިންމުމަށެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން