-8402fff9.png)
ސައިފުﷲ އަލީ

ޖޭއެސްސީގެ އޮފީސް --- ރާއްޖެ އެމްވީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމު ހުސްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން މަގާމުން ރިޓަޔާ ކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އަންނަ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި ގޮތަށް ޖޭއެސްސީން ވަނީ އެކަން ނިންމައިފައެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަށް ބޭނުންވަނީ އެއް ފަނޑިޔާރެކެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 88,000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި 59,700 ރުފިޔާގެ އަސާސީ މުސާރައާއި 25,000 ރުފިޔާގެ ލިވިން އެލަވަންސްގެ އިތުރުން 3,300 ރުފިޔާގެ ރިސްކް އެލަވަންސް ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އުމުރުން 30 އަހަރު ވެފައިވުމާއެކު އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
ތައުލީމާއި ތަޖުރިބާގެ އިތުރުން ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމާއި ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހެއެވެ. އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ.
ޖިނާއީ ކުށުގެ ރެކޯޑަށް ބަލާއިރު އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަހުލާގީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި، އެ ހުކުމް ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ. ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެއެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ވެސް ހުށަހެޅޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. ނަމަވެސް 1 ސެޕްޓެމްބަރު 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
މީގެ އިތުރުން ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީއާއި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ މަސައްކަތްކޮށްފައިވާ ނަމަ އެކަން އެނގޭނެ ލިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ.
ޤާނޫނީ ދާއިރާގެ ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ ނަމަ އެކަމުގެ ލިޔުމާއި، ޕޭޕަރު ހުށަހަޅާފައިވާ ނަމަ އެކަމުގެ ލިޔުން ވެސް ހުށަހެޅިދާނެއެވެ. މި މަގާމަށް އައްޔަންކުރުމުގައި ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން