-8402fff9.png)
ސައިފުﷲ އަލީ

ނައިބު ރައީސް ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ތަގުރީރު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަޤުރީރު ކުރައްވާފައެވެ. މި ފޯރަމް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި "ލީޑާސް ގާލާ ޑިނާ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ ފޯރަމްގެ ކުރިން، އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް، ފޯރަމްގެ ބައިވެރިންނަށް ލިބިވަޑައިގެންނެވި ފުރުޞަތެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މުހިންމު ސެޝަންތަކެއްގައި ބައިވެރިވެވަޑައިގެން، ތަގުރީރުތައް ދެއްވާފައެވެ. އެގޮތުން، ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަގުރީރުކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހި، މައްސަލަތަކާ ކުރިމަތިލުމުގައި، ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް (މޫސުމީ މާލީ އެހީ) އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ކިބައިގައިވާ ތަހައްމަލުކުރުމުގެ ޤާބިލުކަން އިސްކުރަންޖެހޭ ކަމަށާއި، ހިޖުރަކުރަން ޖެހުނު ނަމަވެސް، އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚްތިޔާރުގައި، އަދި އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ކުރިއަށް ގެންދެވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކުރެވިފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޖުތަމަޢުތައް ބޭނުންވާ ތަނެއްގައި އަބުރުވެރިކަމާއެކު ދެމިތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ހަމަމިއާއެކު، ޗެމްޕިއަންސް ބްރެކްފާސްޓްގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ގުޅުންތައް ބަދަހިކުރައްވައި، "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ހާސިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.
މި ފޯރަމްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލައިމެޓް މޮބިލިޓީގެ އުސޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ހިއްސާކުރައްވައި، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ވާހަކަފުޅުދައްކަވާފަ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން