-8402fff9.png)
އައިޝަތު ހިދާޔާ

ތަރައްގީވަމުން އަންނަ ޤައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނަިއބު ރައީސް ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާ އިން އިސްވެ ބޭއްވި ހައިލެވެލް މީޓިން އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި މިއަދު ތަގްރީރު ކުރައްވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖީޑީއައި އިތުރަށް ފުޅާކުރުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ރާއްޖެއާއި ޗައިނާގެ ދެމިގެންދާ ގުޅުމާއި، ޗައިނާއިން ރާއްޖޭގެ ގައުމީ ތަރައްޤީގައި އަދާކުރަމުންދާ ދައުރަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ.
ނައިބު ރައީސް ވަނީ ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން ކޮޕް31ގެ އަމާޒުތަކަށް ވާސިލްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ދެމެހެއްޓިނިވި ތަރައްޤީގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ މަޢުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމާއި، ކެޕޭސިޓީ ތަރައްގީކުރުމަށް ތާއީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ތަގްރީރު ނިންމަވާލައްވަމުން، ނައިބު ރައީސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން